twitterviber whatsapp telegramfacebookyoutube instagram
12th May 2024

ޕެނަލްޓީ ޖަހައިގެން ޒިގްޒެގް ބަލިކޮށް، އޭސީއެންއިން ބީއެސްއޭގެ ތަށި އުފުލާލައިފި, ފުޓްސަލް ކިންގަކަށް ޑޭވިޑް

މުޙައްމަދު އަހުމަދު
Dec 9, 2021

16 ޓީމާއެކު މިހާރު ކުރިއަށްދާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޒިގްޒެގް ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން އޭސީއެންއިން ތަށި ދިފާއުކޮށްފި އެވެ.

މިރޭ ކުޅެވުނު ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. މިމެޗު އޭސީއެންއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4 - 3 ގެ ނަތީޖާއަކުންނެވެ. ޒިގްޒެގްގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ.

އޭސީއެންގެ ޖެހި 6 ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. އަހްމަދު ދާއޫދު (ޑޭވިޑް)އާއި މުހައްމަދު އަބްދުﷲ (ބަނޑޭ)ގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވީއިރު އެޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަސަން (ކުޑަ އިއްބެ)އާއި އަހްމަދު މުހައްމަދު (ވެނިސް)ގެ އިތުރުން މުހައްމަދު އަލީ (ރުއްކެ)އާއި އިބްރާހިމް ހުސެއިން (މައްލެ) އެވެ.

ޒިގްޒެގްގެ 3 ޕެނަލްޓީ ކާމިޔާބުވީއިރު 3 ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ޒިގްޒެގްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަންވަރު އާދަމާއި ހަސަން މުހައްމަދުގެ އިތުރުން ފަތުހުﷲ އާދަމް (ފައްތެ) އެވެ. އަބޫބަކުރު އާދަމްއާއި އަލީ އަހްމަދުގެ އިތުރުން މުސްތަފާ ހުސައިން (މުސްތޮ) އެވެ.

މިމެޗުގައި ޒިގްޒެގް ޓީމުން ވަރަށް މޮޅަށް ކުޅެ ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ އެޓޭކްތަކުގެ ހުރަހަކަށްވީ އޭސީއެންގެ ގޯލްކީޕަރެވެ. ކީޕަރު މާހީގެ ފަރާތުން މިމެޗުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އޭސީއެންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެހެންނަމަވެސް ޒިގްޒެގްގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްލެވެ އެވެ.

ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭސީއެންގެ ގޯލްކީޕަރު ޖޯޒީ ނަމްބަރު 20 މާހީ އަބްދުﷲ އެވެ. އޭސީއެންގެ 3 ކުޅުންތެރިން ވަނީ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އެއީ އޭސީއެންގެ ޖޯޒީ ނަމްބަރު 3 އަހްމަދު ދާއޫދާއި ޖޯޒީ ނަމްބަރު 7 އިބްރާހިމް ހަސަންގެ އިތުރުން ޖޯޒީ ނަމްބަރު 20 މާހީ އަބްދުﷲ އެވެ.

އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަނެއް ދެ ކުޅުންތެރިންނަކީ ޒިގްޒެގްގެ ޖޯޒީ ނަމްބަރު 17 އަންވަރު އާދަމާއި އެޓީމުގެ ޖޯޒީ ނަމްބަރު 10 އަބޫބަކުރު އާދަމެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޖިއާން ސްކޯރގެ ޖޯޒީ ނަމްބަރު 17 އަހްމަދު ނަދީމް އާދަމް (ޒިންދި) އެވެ.

މުބާރާތުގެ ފުޓްސަލް ކިންގަކަށް ހޮވިފައިވަނީ އޭސީއެންގެ ޖޯޒީ ނަމްބަރު 3 އަހްމަދު ދާއޫދު (ޑޭވިޑް) އެވެ. މިމުބާރާތުގައި ފޯއްޅެ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355