twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރާއްޖޭން އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ފެނިއްޖެ

ނަބީލާ އިސްމާޢީލް
Dec 15, 2021

ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯންއަށް ރާއްޖޭން އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވީ އާ ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖެއަށް އައި ހަތަރު ޓޫރިސްޓުން ކަމަށެވެ. އެ ހަތަރު މީހުންނަކީ ވެސް ސައުތު އެފްރިކާއަށް ދަތުރު ކޮށްފައިވާ މީހުން ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

އިތުރު ކޭސްތައް ފެނުމާ ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އޮމިކްރޯންއަށް ރާއްޖޭން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހު ފަސް ވަނަ ދުވަހުއެވެ. އޭނާގެ ހާލު ރަނގަޅެވެ.

އަފްޒަލް ވިދާޅުވީ މިހާރު ގެންދަނީ ކޭސްތަކުގެ ރިސްކް އެސެސްމަންޓް ހަދަމުންކަމަށެވެ.

އޮމިކްރޮން ވެރިއަންޓާ މެދު ވެސް ވަކި ހާއްސަ ފިޔަވަޅެއް ނެތް ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކޮށް ފަރުވާތެރިވުން މުހިންމުކަން އަފްޒަލް ފާހަގަކުރެއްވި އެވެ.

އާ ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މި ވަގުތަށް މަނާކުރީ ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ އަދި އެސްވާޓިނީ އިންނެވެ.

އިތުރަށް ވިދާޅުވީ މިހާތަނަށް މޮނިޓަރިންގައި 21 ރަށެއް އޮތް ކަމަށެވެ. މުޅި ޖުމްލަ 649 ކޭސް އަތޮޅުތެރޭ ރަށްތަކުގައި އުޅޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެ ހާލަތު ގޯސް ރަށްތަކަށް ބަލާއިރު ސ.ހިތަދޫ، ދ.ކުޑަހުވަދޫ، ނ މާފަރު، ބ.އޭދަފުށި އަދި ތ. ވިލިފުށި ހިމެނެއެވެ.

ހަމައެހެންމެ، 9 ޑިސެމްބަރުން ފެށިގެން ރާއްޖެއާ ސިންގަޕޫރާ ދެމެދު ޓްރެވަލް ލައިނެއް ގާއިމް ކުރެވިފައި ވާ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ. ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ސިންގަޕޫރަށް ދަތުރު ކުރާނަމަ ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355