twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ކުނިކޮށީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް: މުހައްމަދު

އަބްދުލް ވާހިދު ޙަސަން
Dec 20, 2021

ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ކުނީގެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

ޕްލާސްޓިކް ހުސްފުޅި އެއްކުރުމަށް އަފީފުއްދީން ސްކޫލުން ފެށި "އެއާރ ޗެލެންޖްގެ" ދެވަނަ ބުރުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، އުންމީދުކުރަނީ ކުނިކޮށީގެ ދާއިމީ ހައްލެއް ގާތް މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މިކުރަނީ ކުނިކޮށީގެ ދާއިމީ ހައްލެއް ގާތް މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމަށް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހުރިހާކަމެއްގެ ހައްލު އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކާ." އަފީފުއްދީން ސްކޫލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 2020 ވަނަ އަހަރު ކުނިކޮށި މެނޭޖްކުރުމަށް ވެމްކޯއާ ހަވާލުކުރި ފަހުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ކައުންސިލަށް ލިބުނު ކަމަށެވެ. އެކަމަކު ކުނީގެ މައްސަލައަށް މުޅިން ހައްލެއް އަދި ލިބިފައިނުވިޔަސް އެކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް މަސައްކަތްތައް ރާވަމުންދާ ކަމަށެވެ.

އެގޮތުން މުހައްމަދު ވިދާޅުވީ، ވޭސްޓް މެނޭޖްމެންޓް ޕްލޭނަކާއެކު ކުނި ވަކިކޮށް އެ މަސައްކަތް ރާވަމުންދާ ކަމަށެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގޮނޑުތައް ނަގައި ސާފުކުރުމަށް، ކައުންސިލާއެކު މަސައްކަތް ކުރުމަށް ވެމްކޯއިން އެއްބަސްވެފައިވާ ކަމަށާއި އެކަމަށްޓަކާ ވެމްކޯގެ އެމްޑީއަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައިވެސް ކުޅުދުއްފުށީގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މޭޔަރުވެސް ވަނީ އެދިވަޑައިގަންނަވާފަ އެވެ. އަދި އެކަމަށް އެދެވޭ ޖަވާބެއް ރައީސް ދެއްވިކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. އެކަމަކު ކުޅުދުއްފުށީގެ ކުނި މެނޭޖްކުރުމަށް ރަސްމީކޮށް އަދި ވެމްކޯއިން ހަވާލުވެފައެއް ނުވެ އެވެ.

ކުޅުދުއްފުށީ ފިޔަވާ އެހެން ހުރިހާ ސިޓީތަކެއްގައިވެސް ކުނި މެނޭޖްކުރަމުންދަނީ ވެމްކޯއިންނެވެ. ކުނިކޮށީގައި ކަންކަން ހައްލުކުރުމަށް ސިޓީ ކައުންސިލުންވެސް މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ކުނިކޮށި ވަށާފާރު ރޭނުމަށްވެސް އޮތީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355