- ހަތަރު ދުވަސްތެރޭ 11 މީހަކު ޕޮޒިޓިވްވި
- ހަތަރު ކުލަސްޓާއެއް ފެނިފައިވޭ
- މިއަދު ޕޮޒިޓިވްވީ ދެ ކުޑަކުދިން
ހަތަރު ދުވަސްތެރޭގައި ކޮވިޑް-19 ޖެހިފައިވާ 11 މީހުން ފެނި، ކުޅުދުއްފުށީގައި ބަލި ފެތުރިދާނެކަމުގެ ބިރުހީވެއްޖެ އެވެ. ކޮވިޑް-19 ގެ ކޭހެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހު ޕޮޒިޓިވްވި ކޭހެއް ފެނުނީ މިދިޔަ ހޯމަދުވަހު އެވެ.
މިއަދު ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 11 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެކެވެ. 9 އަހަރުގެ ކުއްޖާއަކީ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖެކެވެ. އަދި 11 އަހަރުގެ ކުއްޖަކީ ގާރލްގައިޑް ކޭމްޕަށް ދިޔުމުގެ ކުރިން ނެގި ސާމްޕަލެކެވެ.
ހޯމަ ދުވަހު ޕޮޒިޓިވެފައިވަނީ އަލާމަތް ހުރެގެން އޯޕީޑީއަށް ދެއްކި މީހަކާއި، މާލޭން ދަތުރުކުރި މީހެކެވެ. މާލޭން އައި 28 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ އެއްވެސް ކޮންޓެކްޓެއް ނެތެވެ. ދެން ޕޮޒިޓިވްވީ ކުޅުދުއްފުށީގައި ހުންނަށް އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ.
އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ސާމްޕަލް ނެގިއިރު ތިން މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓުން ނެގި ސާމްޕަލްތަކުގެ ތެރެއިން 3 ސާމްޕަލެއްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
މީގެ އިތުރުން އަލާމާތް ހުރެގެން މާލޭން ސާމްޕަލް ނަގައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި މީހަކުވެސް ޕޮޒިޓިވްވެފައިވެ އެވެ. އެ މީހާ އެއްވެސް މީހަކާ ކޮންޓެކްޓްވެފައެއް ނުވެ އެވެ.
ބަލި ޖެހުނު އެއްވެސް މީހެއްގެ ހާލު މިހާތަނަށް ގޯސް ނޫން ކަމަށާއި އެކަމަކު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ހަތަރު ކްލަސްޓާއެއް ފެނިފައިވުމުން ރަށު ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ އޮފިސަރުން ވިދާޅުވެ އެވެ. އެހެންކަމުން ބަލި ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮވިޑް-19 ގެ ވޭރިއަންޓްގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި އޮމިކްރޯން ވޭރިއަންޓުންގެ ހަތަރު ކޭސް ރާއްޖޭން ފެނިފައިވާއިރު އެކަމުގައި ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ޗުއްޓީއާ ދިމާކޮށް އޮމިކްރޯން ވޭރިއަންޓް އިތުރަށް ފެތުރިދާނެކަމުގެ ބިރު އޮތުމުން ޗުއްޓީއަށް ކޮށްފައިވާ ޕްލޭންތައް ކެންސަލް ކުރުމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ އިލްތިމާސްކޮށްފި އެވެ.
ޑަބްލިއުއެޗްއޯގެ ހެޑް ޑރ ޓެޑްރޮސް ބުނީ މިހާރު ފެންނަ ހެކިތަކަށް ބަލާ ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާކަމަށެވެ.
މި ވޭރިއަންޓާ ގުޅިގެން ފަރަންސޭސިވިލާތާ، ޖަރުމަނުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު ކްރިސްމަސް ބަންދާ ދިމާކޮށް ނެދަލެންޑުންވެސް ވަނީ ވަރަށް ވަރުގަދަ ލޮކްޑައުންއަކަށް ގޮސްފައިއެވެ.
މީގެ އިތުރުން ބަންދާ ދިމާކޮށް އެމެރިކާއިން ލޮކްޑައުންއަކަށް ގޮސްދާނެކަމުގެ އިޝާރާތެއް ވައިޓްހައުސްއިން ދީފައިވާއިރު އެގަމުގެ އެންމެ މޮޅު އެއް އިންފެކްޓިއަސް ޑިސީޒް އެކްޕާޓް ޑރ އެންތޮނީ ފައުސީ ވަނީ ކްރިސްމަސް ބަންދާ ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރު ވެއްޖެނަމަ އޮމިކްރޯން އިތުރުވެގެންދާނެކަމުގެ އިންޒާރު ދީފައެވެ. އަދި ވެކްސިން ފުރިހަމަކޮށްގެން ތިބި ފަރާތްތަކަށްވެސް މި ވެރިއެންޓް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.