twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެފްސީ ނަގިލި އަދި ޔެލޯ ކްރެބް ބައްދަލުކުރި މެޗުން އުރީދޫ ކޮރަލް ކަޕް ފަށައިފި

މުޙައްމަދު އަހުމަދު
Dec 25, 2021

ކުޅުދުއްފުށީ ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށް ބާއްވަމުން އަންނަ ކޮރަލް ކަޕް 2021/22 ރޭ ފަށައިފި އެވެ. އުރީދޫ ކޮރަލް ކަޕް ފަށާފައިވަނީ ޖުމްލަ 12 ޓީމާއެކުގަ އެވެ.

މިމުބާރާތުގައި 12 ޓީމަކުން ވާދަކުރެ އެވެ. 3 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ކޮންމެ ގްރޫޕެއްގައި 4 ޓީމު ހިމެނެ އެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެފްސީ ނަގިލި، ޔެލޯ ކްރެބް، މީޓިއޯރސްގެ އިތުރުން ވޮރިއާސް އެވެ.

ގްރޫޕް ބީގައި ހިމެނެނީ ކޭމާޓާއި ޔަންގް ބޯއީސްގެ އިތުރުން ޓޫ ސެވަން އަދި ރެޑިޝް އެވެ. ގްރޫޕް ސީގައި ޓީމް ކޮއްބު، މަންތާ އަދި ސްކައި ސްކްރޭޕާރ އާއި ޓޫ ޒީރޯ ވާދަކުރާނެ އެވެ.

މިމުބާރާތުގައި ކުއާޓާ ފައިނަލާއި ސެމީ ފައިނަލް ވެސް ކުޅެވޭނެ އެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ކުއާޓާއަށް ދަތުރުކުރާއިރު ދެން ކުއާޓާއަށް ދަތުރުކުރާނީ މުބާރާތުގެ އެންމެ މޮޅު ތިންވަނަ ޓީމާއި ދެވަނައަށް އެންމެ މޮޅު ތިންވަނަ ޓީމެވެ.

ކޮންމެ ރެއަކު ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ނަގިލި އަދި ޔެލޯ ކްރެބެވެ. މިމެޗު 3 - 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔެލޯ ކްރެބުންނެވެ. ޔެލޯ ކްރެބުގެ ލަނޑުތައް ޖަހައިދީފައިވަނީ އެޓީމުގެ ޖޯޒީ ނަމްބަރު 24 އަހްމަދު އަލީ (ކޮއްކޮ ރެޑޭ) އާއި ޖޯޒީ ނަމްބަރު 5 އަހްމަދު އާޒިމްގެ އިތުރުން ޖޯޒީ ނަމްބަރު 11 އަމްޖަދު ހަސަން (އައިރިސް އަމްޖޭ) އެވެ.

މިމެޗުގައި އެފްސީ ނަގިލީގެ ދެ ލަނޑު ވެސް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 12 މުހައްމަދު އަޒާން އާދަމް އެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޔެލޯ ކްރެބްގެ ޖޯޒީ ނަމްބަރު 11 އަމްޖަދު ހަސަން (އައިރިސް އަމްޖޭ) އެވެ.

ދެވަނަ މެޗުގައި މީޓިއޯރސް އަދި ވޮރިއާސް ބައްދަލުކުރި މެޗު ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ. މިމެޗުގައި މީޓިއޯރސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 11 މުހައްމަދު ޒައިން ޒާހިރެވެ. މެޗުގައި ވޮރިއާސްގެ ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 3 އަބްދުﷲ ނާސިހް (ބަގަޅޭ) އެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވޮރިއާސްގެ ޖޯޒީ ނަމްބަރު 3 އަބްދުﷲ ނާސިހް (ބަގަޅޭ) އެވެ.

ރޭގެ ފަހު މެޗުގައި ކޭމާޓުން ނިކުތީ މުބާރާތުގެ އެންމެ ޒުވާން އެއް ޓީމު ކަމަށްވާ ޔަންގް ބޯއީސްއާ ދެކޮޅަށެވެ. މިމެޗު 3 - 2 ން ކާމިޔާބުކުރީ ޔަންގް ބޯއީސް އެވެ. މެޗުގައި ޔަންގް ބޯއީސްގެ ލަނޑުތައް ޖަހައިދިނީ ޖޯޒީ ނަމްބަރު 11 އަހްމަދު މަޒީން މުސްތަފާ (ވަޑި) އަދި އެޓީމުގެ ޖޯޒީ ނަމްބަރު 28 މުހައްމަދު ޖައުފަރު (އެމްޖޭ)ގެ އިތުރުން އެޓީމުގެ ޖޯޒީ ނަމްބަރު 10 އަޔާން މުހައްމަދު (އަޔާ) އެވެ.

މިމެޗުގައި ކޭމާޓުގެ ލަނޑުތައް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 14 އަހްމަދު ނައީމް (ޔަނޭ) އަދި ޖޯޒީ ނަމްބަރު 13 ހަސަން އިބްރާހިމް (ސަންޑަލޭ) އެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޔަންގް ބޯއީސްގެ ޖޯޒީ ނަމްބަރު 10 އަޔާން މުހައްމަދު (އަޔާ) އެވެ.

މިމުބާރާތަކީ ކުޅުދުއްފުށީގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖްތިމާއީ ރޫހު އާލާކޮށް ކޮރަލްސް ދަނޑަށް ކުޅެންދާ ކުޅުންތެރިން އިތުރުކޮށް ހަވީރު ކުޅުމުގެ ފޯރި އިތުރުކުރުން ކަމަށް ކުލަބް ކޮރަލްސްއިން ބުނެ އެވެ.

އަދި މީގެ އިތުރުން ކުޅުދުއްދުށީގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ގިނަ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމާއި ޒުވާން ކުޅުންތެރިން މުބާރާތްތަކުގައި ވާދަކުރުމުގެ ޝައުގުވެރިކަން އިތުރު ކުރުމަކީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުގެ މަގްސަދެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންނާއި އެންމެ މޮޅު ގޯލް ކީޕަރާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންނާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ކޮންމެ މެޗެއްގެ ކިންގް އޮފް ދަ މެޗް ހޮވާނެ އެވެ. އަދި 40 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާއާއި 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅޭނީ 1 ޖެނުއަރީގަ އެވެ. އަދި 3 ޖެނުއަރީގައި ސެމީގެ މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު ފައިނަލް ކުޅޭނީ 5 ޖެނުއަރީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355