ރާއްޖޭން ބޭރުން އަންނަ މީހުން ރާއްޖެއައުމަށް ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުއްވި އިއުލާނުގައި ބުނެފައިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ "އެމިކްރޯން" ވޭރިއަންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެއަށް ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭކަމަށް ބުނެފައި ވެއެވެ. ނަމަވެސް މިގޮތަށް ދަތުރުކުރާ މީހުންނާއެކުގައި ދަތުރުކުރާ އަހަރު ނުވާ ކުދީން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހެއެވެ. އަދި ފަތުރުވެރިން ފިޔަވާ ބޭރުން އަންނަ އެހެން ހުރިހާ މީހުން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ލާޒިމްކޮށްފައި ވެއެވެ.
އަދި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ މީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމަށް ފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.