ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބާއްވާ އުރީދޫ ކޮރަލް ކަޕްގެ ޗެމްޕިއަންކަން މީޓިއޯސްއިން ހޯދައިފި އެވެ. މީޓިއޯސްއިން ތަށި ހިއްލާލީ މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅެވުނު ފައިނަލު މެޗުގައި 3 - 1 ން ރެޑިޝް ބަލިކޮށެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލުގައި ދެޓީމުގެ ފަރާތުން ވާދަވެރި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މީޓިއޯސްއިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ރެޑިޝްއިން ވަނީ ރަނގަޅު ޕާސްތަކެއް އުފައްދާ ލަނޑުޖަހަން ފުރުސަތު ފަހިކޮށްފަ އެވެ. އެހެން ނަމަވެސް އެޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ.
މެޗުގައި މީޓީއޯސްގެ ލަނޑުތައް ޖަހައިދިނީ އަންވަރު އާދަމް (އަންވަރު ބާޑޭ)، މުރޫ އަދި އަބްދުﷲ ޒުބައިރު (ޒުއްބަ) އެވެ. ރެޑިޝްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ރިޒާ (ކޮކާ) އެވެ.
މީޓީއޯސްއިން މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި 2 - 1 ން ޔަންގް ބޯއީސް ބަލިކޮށްގެންނެވެ. އަދި ކުއާޓާގައި އެޓީމުން ޔެލޯ ކުރެބް ބަލިކުރި އެވެ. ރެޑިޝްއިން ފައިނަލަށް ދަތުރުކުރީ ސެމީގައި ޕެނަލްޓީ ޖަހައިގެން ވޮރިއާސް ބަލިކޮށްގެންނެވެ. އަދި ކުއާޓާގައި އެޓީމުން ވަނީ 6 - 2 ން ޓޫ ޒީރޯ ބަލިކޮށްފަ އެވެ.
ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީޓިއޯސްގެ ޖޯޒީ ނަމްބަރު 12 އަބްދުﷲ ޒުބައިރު (ޒުއްބަ) އެވެ. މިފަހަރުގެ ކޮރަލް ފުޓްސަލް ކިންގަކަށް ހޮވިފައިވަނީ މީޓިއޯސްގެ ޖޯޒީ ނަމްބަރު 7 އަހްމަދު ދާއޫދު (ޑޭވިޑް) އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މީޓިއޯސްގެ ޖޯޒީ ނަމްބަރު 13 ސައިފުﷲ ހަސަން (ސައިފް) އެވެ.
20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެޑިޝްގެ ޖޯޒީ ނަމްބަރު 22 ރައިހާން މުހައްމަދު (ރައި) ގެންދިޔައިރު 40 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ރެޑިޝްގެ ޖޯޒީ ނަމްބަރު 42 ހުސެއިން ގާސިމް އެވެ.
މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔާ ވޮރިއާސްގެ ޖޯޒީ ނަމްބަރު 9 އިބްރާހިމް ހުސެއިން (މައްލެ)އަށް ލިބުނުއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ރެޑިޝްގެ ޖޯޒީ ނަމްބަރު 10 އަހްމަދު އާދަމް (ޒަރޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މީޓިއޯސްގެ ޑޭވިޑް، ރެޑިޝްގެ ކޮކާ، މީޓިއޯސްގެ ޒުއްބައާއި އެޓީމުގެ އަންވަރު ބާޑޭގެ އިތުރުން ރެޑިޝްގެ ޒަރޭ އެވެ.