ކޮވިޑް-19ގެ އާ ވޭރިއަންޓް ކަމަށްވާ، އޮމިކްރޮން ވޭރިއަންޓް ޖެހިގެން ބޮޑުވަރު ނުވާނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި އެ ވައިރަސް ސީރިއަސްކޮށް ނަގަން ޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯ އިން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޖަމާއަތުގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ އޮމިކްރޮން އަކީ މިހާރު އެންމެ ގިނަ ބަޔަކަށް ޖެހެމުންދާ ވޭރިއަންޓް ކަމަށާއި، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ބަލާއިރު ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ފާއިތުވި އެއްހަފްތާ ދުވަސް ތެރޭގައި ހަމައެކަނި ޑަބްލިއުއެޗްއޯ އަށް ވަނީ 9.5 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓް ކޮށްފައެވެ. އެއީ އޭގެ ކުރީ ހަފްތާ އާއި އަޅައި ބަލާއިރު %71 އިތުރު އަދަދެކެވެ.
އޭނާ ވިދާޅުވީ އޮމިކްރޮން އަކީ ވެސް ނުރައްކާ ވޭރިއަންޓެއް ކަމަށާއި އެހެންކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. "އޮމިކްރޮން ޖެހޭ މީހުން ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ. އަދި އޮމިކްރޮން ޖެހިގެން ވެސް މީހުން މަރުވަމުން އެބަދޭ. އެހެންކަމުން މިއީ ނުރައްކަލެއް ނެތް ވޭރިއަންޓެއް ކަމަކަށް ނުބުނެވޭނެ." ޓެޑްރޯސް ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވީ އޮމިކްރޮން އާއިއެކު އުފެދިފައިވާ ކޮވިޑް ސުނާމީ އަދިވެސް ބޮޑުވަމުން އަންނަ ކަމަށާއި ގިނަ ބައެއް ގައުމުތަކުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ބަލި މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.