ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ނެރުން ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ހަމާސް ލީޑަރ ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އިރާނުގެ ވެރި ރަށް ތެހްރާންގައި އެ މަނިކުފާނުގެ ގެ ކޮޅުގައި ހުންނަވަނިކޮށް ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލްގެ އަސްކަރިއްޔާ އިން ހިންގި ރެއިޑް އެއްގައި ކަމަށެވެ
ހަމާސްގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލި މި ހަމަލާގައި އެމަނިކުފާނުގެ ދެ ބޮޑީ ގާޑުން ވެސް ވަނީ ޝަހީދުވެފައެވެ.
ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ މި ފިނޑި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އަދި މި ހަމަލާ އިން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް ލިބޭނެ އެއްވެސް ފައިދާ އެއް ނެތް ކަމަށާއި ފަލަސްތީނުގެ މިނިވަން ކަމަށް ހަމާސް ޖަމާއަތުން ކުރަމުންދާ ޖިހާދު ހުއްޓުވުން އެއީ ޔަހޫދީންގެ މަގުސަދު ކަމުގައި ވާނަމަ އެ ލަނޑުދަނޑި ހާސިލްނުވާނެ ކަމަށް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އޭޕްރީލް މަހު ޣައްޒާއަށް ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ފިރިހެން ކުދަރިން ވެސް ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހަމަލާގައި ހަނިއްޔާގެ ކާފަ ދަރިންވެސް ޝަހީދުކޮށްލައިފައިވެއެވެ.
މިދިޔަ އަހަރުން ފެށިގެން ހަމާސްގެ ސިޔާސީ ބިއުރޯގެ ޗެއާމަންކަން ކުރައްވައިފައިވާ ހަނިއްޔާ ދިރިއުޅުއްވަނީ ގަތަރުގައެވެ. ހަމާސް އާ ހަނިއްޔާ ފުރަތަމަ ގުޅިވަޑައިގަތީ އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާ އިން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުއެވެ. ހަމާސް އޮފީހުގެ ވެރިއަކަށް ހަނިއްޔާ ފުރަތަމަ އައްޔަނުކުރެއްވީ 1997 ވަނަ އަހަރުއެވެ.
ހަމާސް ޖަމާއަތުން މިއަދު ވަނީ މުސްލިމުންނަށް މާތް ބިން ޖުރޫސަލަމް ޔަހޫދީ އައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަށް ދަށުން މިނިވަން ކުރުމަށް ކުރަމުންދާ ޖިހާދު އިތުރަށް ވަރުގަދަ ކުރާނެ ކަން އިއުލާން ކޮށްފައެވެ.