އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒަށް އިސްރާއީލުން ދޭ ހަމަލާތަކާއި އެ ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ގުދުރަތީ ގޭސް ރިޒާވްގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އީރާނުން ދޭ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދު އިތުރަށް ހަލަބޮލިވެ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ހަމައެއާއެކު ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަތަރު އަދި ކުވައިތުގައި ހުންނަ ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން އިތުރަށް ބަލިކަށިވާނެކަން އެ ބަޔާނުގައި ފާހަގަކުރިއެވެ.
"ތެޔޮ އިންސްޓޯލްމަންޓްތަކާއި، ޑީސެލިނޭޝަން ޕްލާންޓްތަކާއި، އެއާޕޯޓްތައް ފަދަ މުހިންމު ތަންތަން ހިމާޔަތް ކުރުމުގެ މުހިއްމުކަން މީގެ ސަބަބުން ހާމަވޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މެދުއިރުމަތީގެ ސުލްހަ އާއި ހަމަޖެހުން އަލުން ގާއިމުކުރުމަށް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ހާރިޖީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެ އިން ވަނީ ގޮވާލައިފައެވެ.




