އިސްރާއީލުން އީރާނުގެ ސައުތު ޕާސް ފީލްޑްގައި ހުންނަ ގުދުރަތީ ގޭސް ކާރުހާނާތަކަށް ދިން ހަމަލާއާ ގުޅިގެން ތެލާއި ގޭހުގެ އަގު އުފުލިއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް އޮއިލް ފީފާއެއްގެ އަގު4.92 ޕަސެންޓް އުފުލި، 108.51 ޑޮލަރަށް އަރައިފައެވެ.
އެމެރިކާގެ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު98 ޑޮލަރަށް އުފުލިފައިވާއިރު ޔޫރަޕްގެ ގުދުރަތީ ގޭހުގެ އަގު ވަނީ 6.6 ޕަސެންޓް އުފުލި، 55 ޔޫރޯ (ގާތްގަނޑަކަށް 63 ޑޮލަރު) އަށް އަރާފައެވެ.
އީރާނުގެ ޕާސް ގޭސް ފީލްޑަށް ހަމަލާ ދިނުމާ ގުޅިގެން އީރާނުން ވަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުގެ ތެލާއި ގޭސް ކާރުހާނާތަކަށް ހަމަލާ އަމާޒު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މި އިންޒާރުގެ ފަހުން ރޭ ވަނީ ގިނަ ތަންތަނަށް ހަމަލާވެސް ދީފައެވެ.
އީރާނުގެ ހަކަތައިގެ ސިނާއަތުގެ މައި މަރުކަޒު ކަމަށްވާ އަސަލުޔޭގައި ހުންނަ ތެލާއި ޕެޓްރޯކެމިކަލް ފެސިލިޓީތަކަށް ވެސް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މި ހަމަލާތަކުން ދައްކުވައިދެނީ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އުފައްދާ ތަންތަނަށް ނުރައްކާ ވެފައިވާ ކަމެވެ.
މި ހަނގުރާމައިގެ ސަބަބުން މުޅި ގަލްފް ސަރަޙައްދު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އީރާނުން ބުނަމުންދަނީ އެމީހުންގެ ހަކަތައިގެ ވަސީލަތްތަކަށް އިތުރު ޙަމަލާއެއް އަތުވެއްޖެނަމަ، ދެން ދޭނީ މިއަށްވުރެ މާ ވަރުގަދަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އިތުރަށް ޙަމަލާދީފިނަމަ އީރާނުގެ އެންމެ ބޮޑު ގޭސް ދާއިރާ އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން މިއަދު ދުނިޔެ ބަލަން އޮތީ ތެލް އަވީވް އާއި ރިޔާދު އަދި އީރާނުގެ ކުރިއަށް ހުރި އަސްކަރީ ހަރަކާތްތަކަށެވެ.




