މާލެއިން ރަށްރަށަށް ދަތުރުކުރާ ނަމަ ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރުކޮށް ކޮވިޑް-19 އިން ދިފާއުވުމަށް އެކުލަވާލާފައިވާ އުސޫލު ހަރުކަށި ކޮށްފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވަނީ މާލޭގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތިވެފައިވާނަމަ، މާލެއިން ފުރައިގެން އެހެން ތަނަކަށް ދަތުރުކުރެވޭނީ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ކަމަށް އެ އެޖެންސީން މީގެކުރިން ކަނޑައަޅަިއ އިއުލާންކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ވެކްސިން ފުރިހަމަވެ 14 ދުވަސް ވެފައިވާ މީހުން ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ އެވެ. އަދި ވެކްސިން ފުރިހަމަ ނުވާ މީހަކު ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުން މަޖުބޫރެވެ. މި މީހުންނަށް ދަތުރު ކުރެވޭނީވެސް ހާލުބެލުން ޕޯޓަލް އިން ހުއްދަ ހޯދައިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަދި ވެކްސިން ފުރިހަމަ މީހުންވެސް މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާނަމަ "ކޮވިޑްސޭފް" ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކަން ޖެހެއެވެ.
މި ފިޔަވަަޅުތައް އެޅުމުގެ ކުރީން އެހެން އިއުލާނެއް މެދުވެރިކޮށްވެސް އިތުރު ފިޔަވަަޅުތަކެއް އަޅާފައެވެ. އެގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މަގުމަތީ ބާޒާރުތައް ބޭއްވުން މަނާ ކޮށްފައިވެއެވެ.
މީގެ އިތުރުން ކުޅިވަރު މުބާރާތްތައް ކުޅިބަލާ މީހުންނަށް ވަދެވޭ ގޮތަށް ބޭއްވުންވެސް މިހާރު މަނަލެވެ.
ދުނިޔޭގައި ހަލުވިމާއެކު ފެތުރެމުންދާ ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.