ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނަށް ކުރިއަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރެވޭގޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން މިގޮތަށް ހަމަޖެއްސީ 72 ގަޑިއިރުގެ ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާދަމާއިން ފެށިގެން މާލެއިން ރަށްރަށަށް ނުދެވޭގޮތަށް ނިންމުމުން ސާމްޕަލް ނެގުމަށްޓަކައި ގިނަ ބަޔަކު ސޯޝަލް ސެންޓަރު ކައިރީ ކިޔޫ ހެދުމުންނެވެ.
އެޗްޕީއޭއިން ބުނީ ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް ދެ ގޮތެއް އެބައޮތް ކަމަށެވެ. އެ ގޮތުން މާލެއިން ސާމްޕަލް ނެގުމަށް ފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުންނަށް ޖެހޭނެ ކަމަށެވެ. ނޫނީ ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގައި ޓެސްޓްކުރުމަށް ފަހު، ޓެސްޓްގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް ތިރީގައިވާ ގޮތްތައް ޚިޔާރު ކުރެވޭނެ:
— Health Protection Agency (@HPA_MV) January 9, 2022
1. މާލެއިން ސާމްޕަލްއެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން (1/2)
މާލެއިން ދަތުރުކުރާ އެންމެން 72 ގަޑިއިރުގެ ޕީސީއާރް ނެގަޓިވް ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭގޮތަށް އެޗްޕީއޭއިން ހަމަޖެއްސީ މިއަދުއެވެ.
އެ އުސޫލުގައި ވާ ގޮތުން، ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިނުވާނަމަ، 14 ދުވަހަށް ކަރަންޓީނުވާންޖެހެއެވެ. އަދި ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ދުނިޔޭގައި ހަލުވިމާއެކު ފެތުރެމުންދާ ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.