ކުޅުދުއްފުށިން މިއަދު އަލަށް އިތުރު 49 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މި ރަށުން ބައްޔަށް މި ވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 209 އަށް އިތުރު ވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ގޮތުގައި ނެގި 14 ސާމްޕަލަކާއި އަލާމާތް ހުރެގެން ނެގި 33 ސާމްޕަލެއްގެ އިތުރުން ރޭންޑަމް ސާމްޕަލަކާއި ޑިޕާޗަރ ސާމްޕަލެކެވެ. މިރަށުން މިއަދު ބަލިން 41 މީހަކު ރަނގަޅުވެފައިވެ އެވެ.
ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ މިދިޔަ ހޮނިހިރުދުވަހު ކުޅުދުއްފުއްޓަށް އަރައި ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ މަނާކޮށްފަ އެވެ.
މޮނިޓަރިންގއަށް ލުމުން ކުޅުދުއްފުށީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން ދަށް ގުރޭޑް ދަރިވަރުން ސްކޫލަށް ނުގެންދިޔުމާއި ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރާތް ނުކުރުމަށް ވަނީ އެދިފަ އެވެ.
އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވެއުޅުން ހުއްޓާލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗަށާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށްވެސް ސިޓީ ކައުންސިލުން އެދިފައިވެއެވެ.
މީގެ އިތުރުން ކޮމިއުނިޓީ ޖިމާއި ބެޑްމިންޓަން ކޯޓު ބަންދުކޮށް ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ގިނަ މީހުން ބައިވެރިވެގެން ކުރިއަށް ގެންދާ ކަސްރަތު ހަރަކާތްތައް ހުއްޓާލުމުގެ އިތުރުން ފިހާރަތަކުން ހިދުމަތް ލިބިގަންނައިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނަށް ސަމާލުވުމަށްވެސް އެދިފައިވެ އެވެ.
ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް ފެތުރެމުންދާއިރު އެ އަތޮޅުގެ 8 ރަށަކުން ވަނީ ބަލި ފެނިފަ އެވެ. އެގޮތުން ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުރިނބީ، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއިން ވަނީ ކޭސްތައް ފެނިފަ އެވެ. އޭގެތެރެއިން މިވަގުތު ހަނިމާދޫ، އަދި ނޮޅިވަރަންފަރުވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.
ކޮވިޑްކޭސްތައް ފެތުރެމުން އަންނާތީ އެޗްޕީއޭގެ ބަންދުގައިވާ ރަށްތަކުގެ އަދަދު މީހާރު 27 މައްޗަށް އަރައިފި އެވެ.