twitterviber whatsapp telegramfacebookyoutube instagram
21st November 2024

ކުޅުދުއްފުށީގައި ކޮވިޑް އުސޫލަށް ބަދަލު ގެނައީ މިހެންވެ

Jan 26, 2022
6

ކުޅުދުއްފުށި ސިޓީގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީ އުސޫލު ބަދަލުކުރީ އަންގާރަދުވަހު އެވެ. މިއާއެކު އުސޫލު ބަދަލުކުރި ސަބަބު ހޯދުމަށް ގިނަ ބަޔަކު ޝަކުވާތައް ބަންޑުކުރަން ފެށި އެވެ. މި ލުއިތައް ކުޅުދުއްފުށި ސިޓީގައި ހަމަޖެއްސިއިރު އެޗްޕީއޭއިން ވެސް ވަނީ މި މަހުގެ 13 ވަނަ ދުވަހު ބޮޑެތި ލުއިތަކެއް ދީފައެވެ.

މި ލުއިތައް ދިން އިރު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށި ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކޭސްތައް ފެންނަމުންދާއިރު މިފަހަރުގެ ރާޅުގައި ޖުމްލަ 414 ކޭސްއެއް ކުޅުދުއްފުށިން ވަނީ ރިޕޯޓް ކޮށްފައެވެ. ޖުމްލަ 209 އެކްޓިވް ކޭސް މިވަގުތު ކުޅުދުއްފުށީގައި ތިބިއިރު 205 މީހަކު ވަނީ ބަލިން ރަގަޅުވެފަ އެވެ.

މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކުޅުދުއްފުށި ސިޓީއިން ކޭސްތަކެއް ރިޕޯޓް ކުރެވުނު ފަހަރު ކަމަށްވާއިރު މިވަގުތު ހދ އަތޮޅުގެ 11 ރަށެއްގައި ކޮވިޑް އެކްޓިވް ކޭސްތައް ވަނީ ރިޕޯޓް ކުރެވިފައެވެ.

"އެ ވަގުތަކާ އެންމެ ގުޅޭ ފިޔަވަޅުތައް ކުޅުދުއްފުށި ސިޓީ ކޮވިޑް ޓާސްކު ފޯސްއިން އެޅޭތޯ އަބަދުވެސް މަސައްކަތް ކުރަން. އަޅުގަނޑުމެން ވެސް އެބަ ޖެހޭ އާންމު ދިރިއުޅުމުގެ ކަންކަމަށް ވީހާ ވެސް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކަންތައްތައް ހަމަޖެއްސޭތޯ މަސައްކަތް ކުރަން. މިވަގުތު ލުއިތަކެއް މި ގެންނަން ޖެހުނީ ބަލިވެގެން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ ނިސްބަތް މަދުވުމާއި ބޮޑު އާބާދީއަކަށް ވެކްސިން ވެސް ޖެހިފައިވުމާއެކު. މިފަހަރު ވެސް ކޮވިޑް ޖެހިގެން ރިޕޯޓް ކުރާ މީހުން ވަރަށް ގަދައަށް ހުން އަންނަ ކަމަށް ރިޕޯޓް ކުރޭ" ކޮވިޑް ޓާސްކު ފޯސްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެމުން ހާމަ ކުރި އެވެ.

ކުރީ ފަހަރުތަކާ ހިލާފަށް މިފަހަރު އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ ނިސްބަތް މަދު ނަމަވެސް ކޮވިޑް ޖެހޭ ފަރާތްތައް ވަރަށް ގަދައަށް ހުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ. ކުޅުދުއްފުށީގެ އާބާދީގެ 93 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ. އަދި 421 މީހަކަށް ބޫސްޓާ ޑޯސް ޖެހިފައިވާއިރު 28 ޖެނުއަރީވާ ހުކުރު ދުވަހު ކުޅުދުއްފުށީގައި އަދި އަތޮޅުގެ އެހެން ރަށްރަށުގައި ބޫސްޓާ ޑޯޒް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އަންގާރަދުވަހު ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރެވިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލުތަކުގައި ކިޔެވުމާމެދު ވެސް ޓާސްކުފޯސްގެ އިއުތިރާޒެއް ނެތް ކަމުގައި ވަނީ ނިންމިފައެވެ.

"މޮނިޓަރިންއަށް ލެވޭ ކޮންމެ ފަހަރެއްގައި ސްކޫލުތަކުގެ ކިޔެވުމަށާއި، ރަށުގެ އިގުތިސާދަށް ވަރަށް ނޭދެވޭ އަސަރު އެބަ ކުރޭ. އަޅުގަނޑުމެން އެބަ ޖެހޭ ބައްޔާއެކު ދިރިއުޅެވޭތޯ މަސައްކަތް ކުރަން" ކޮވިޑް ޓާސްކު ފޯސްގެ އޮފިޝަލެއް އެ ބޭފުޅާގެ އިހްސާސްތައް ހިއްސާ ކުރަމުން ވިދާޅުވި އެވެ.

އަންގާރަދުވަހުގެ ބައްދަލުވުމުގައި ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި މިއާއެކު ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލެވޭނެ ކަމަށެވެ.

އަދި މީގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަރާތްތައް ހެނދުނު 0900-1200 އާ ދެމެދު އުފަން ހިޔާއަށް ގޮސްގެން ނުވަތަ ފުލޫ ކުލިނިކް ގާއިމު ކުރެވިފައިވާ މާރުކޭޓް އިމާރާތަށް 0900-1200 އާއި 1600-1900 އާ ދެމެދު ގޮސްގެން ސާމްޕަލް ނެގުމަށްވެސް ވަނީ ނިންމާފަ އެވެ.

ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ނާދެވޭ ފަރާތްތަކުގެ ސާމްޕަލް ނަގައިދިނުމަށް ގެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ކޮވިޑް ޕޮޒިޓިވް ކޭސްއެއް ގޭގައި ހުރެ މުޅި ގެ ލޮކްޑައުން ވީމާ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް ވަރަށް ބޮޑަށް އެބަ އަސަރު ކުރޭ. އަދި ފިކްސްޑް މުސާރަ ލިބޭ ބައެއް ފަރާތްތަކުން ކަރަންޓީނުވުމުގެ ސަބަބުން ލިބޭ ލީވްގެ ނާޖާއިޒު ފައިދާ ނަގާ ކަމުގެ ޝަކުވާ ވެސް އެބަ ލިބޭ. މި ބަދަލާއެކު ކޮވިޑް ކޭސްއެއް ގޭގައި ހުރެއްޖެނަމަ ނުނިކުމެވިފަ ހުންނަ ހުރުން ނިމުމަކަށް އަންނާނެ. އަދި އެންމެ ލަސްވެގެން ޕޮޒިޓިވް ވާތާ 7 ދުވަސް ތެރޭ ރިލީސް ވާނެ". އޮފިޝަލް ހާމަކުރި އެވެ.

ސާމްޕަލުތަކުގެ ނަތީޖާ ލަސްވަނީ ކީއްވެ؟

ފަހަކަށް އައިސް ސާމްޕަލުތަކުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވެ އާންމުންގެ ޝަކުވާ އޮތީ އިތުރުވެފަ އެވެ. ނަތީޖާ ނުލިބި ލަސްވުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ، ކޮވިޑް ސާމްޕަލްގެ ނަތީޖާ އަވަހަށް ފޯރުކޮށްދިނުމުގައި މިވަގުތު ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

" އެއްކަމަކަށް ސްޓާފު ޝޯޓޭޖަސް އެބަހުރި. ބައެއް ލެބް ސްޓާފުން ވެސް ކަރަންޓީނުގައި ތިބީ. އަނެއް ކަމަކަށް އަޅުގަނޑުމެންގެ ސާމްޕަލް އެކްސްޓްރެކްޝަން މެޝިންގެ ކެޕޭސިޓީގެ ދަށްވުން. މިވަގުތު ވެސް 700 އެއްހާ ސާމްޕަލް އެބަ ހުރި ޕެންޑިންގަ. ހދ ގެ 11 ރަށެއްގައި ކޭސަސް މި ވަނީ ފެނިފަ. ބައެއް ފަހަރަށް 4-5 ދުވަސް އެބަ ވޭ ނަތީޖާ ފޯރުކޮށްދިނުމުގައި. އެންޓިޖެން ޓެސްޓް ހެދުމަށް ފަހު އެޑްމިޓް ކުރާ ގޮތަށް ވާނީ މިހާރު އުސޫލުތައް ވެސް ބަދަލުކޮށްފައި" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އުއްމީދު މި ކުރަނީ ކައިރި މުސްތަޤުބަލެއްގައި މިކަމުން އަރައިގަނެވޭނެ ކަމަށް" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ދާއޫދު ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް ފެނުން ފަހުން މިހާތަނަށް ޖުމްލަ 596 ކޭސްއެއް ކުޅުދުއްފުށިން ވަނީ ރިޕޯޓް ކުރެވިފައެވެ. އަދި ކުޅުދުއްފުށި ސިޓީއަކީ ކޮވިޑް މެނޭޖް ކުރުމުގައި ވަރަށް ނަމޫނާ މަސައްކަތްތަކެއް ކޮށްފައިވާ ރަށެއްކަން ފާހަގަ ކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355