އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ރޭ ކުޅުނު މެޗުގައި ޓީސީން ވަނީ ފަހަތުން އަރައި 3 - 2 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ޓީސީން ވެލެންސިއާ 4 - 3 ން ބަލިކުރިއިރު ދެ ވަނަ މެޗުގައި ރޭ މަހިބަދޫ ބަލިކޮށް ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޓީސީން މިވަނީ ސެމީގެ ޖާގައެއް ޔަގީންކޮށްފަ އެވެ.
ގްރޫޕްގެ ދެވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތްއިރު ދެ މެޗުން ބަލިވި ވެލެންސިއާ ވަނީ ކަޓާފަ އެވެ. އަދި މަހިބަދޫ އޮތީ ޕޮއިންޓަކާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ.
މެޗުގައި ފުރަތަމަ ދެ ގޯލު ޖަހާ ލީޑު ނެގީ މަހިބަދޫ އިންނެވެ. މަހިބަދޫގެ ހަސަން ނާއިމް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަހިބަދޫއަށް ދެ ގޯލު ކާމިޔާބުކޮށްދީ ޓީސީ ހާސްކަމެއްގެ ތެރެއަށް ވައްޓާލާފަ އެވެ. އެހެންނަމަވެސް މެޗުގެ 23 ވަނަ މިނިޓްގައި ޓީސީގެ ފުރަތަމަ ގޯލު އެޓީމުގެ ޔޫސުފް ޝާއިފް ކާމިޔާބުކުރިއިރު ފުރަތަމަ ހާފު ނުނިމެނީސް އޭގެ 12 މިނިޓް ފަހުން ޝާއިފް ވަނީ އިތުރު ގޯލެއް ޖަހައި ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގައި ޓީސީން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ފަހުމާން އަބްދުލް ހަމީދެވެ. މެޗު ނިމެން ފަސް މިނިޓަށްވެފައިވަނިކޮށް ފަހުމާން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މިމުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާލާއިރު އަންނަ އާދިއްތަ ދުވަހު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު އެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.