twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން 241 ކޮމިޓީއަށް

ނަބީލާ އިސްމާޢީލް
Jan 31, 2022
1

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ކުރެވެން ހުރިކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

"އިންޑިއާ އައުޓް" ކޭމްޕަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ރައީސް ނަޝީދު ސޮއި ކުރައްވާ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

އެފަދަ އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނަ އަމަލަކަށް ނުވާއިރު އެއީ ރާއްޖޭގެ މަސްލަހަތާއި ހިލާފު އަދި އެކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ފުލުހުންނަށާއި އެމްޑީޕީގެ މެންބަރުންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނަޝީދު 241 ކޮމިޓީއަށް އެންގެވިއިރު އެމްޑީޕީން ގެންދަނީ އިންޑިއާ އާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތައް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355