ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ އެކުވެރިކަމުގެ މެޗުން ފަހަތުން އަރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު މޮޅުވެއްޖެއެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 25-22 އިންނެވެ. ދެން ކުޅުނު ތިން ސެޓު ރާއްޖޭން ގެންދިޔައީ މޮޅަށް ކުޅެ، 19-25، 20-25 އަދި 22-25 އިންނެވެ.
މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އެދުމަށް ބަންގްލަދޭޝްގެ ޓީމުން ރާއްޖޭގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެވަނަ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގައެވެ. އަދި ފަހު މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެޔެވެ.