މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްސަލް ޗެލެންޖް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ށ. ކަނޑިތީމް ބަލިކޮށް ޒޯން 1 ގެ ތަށި ހއ. އިހަވަންދޫއިން ހިއްލާލައިފި އެވެ.
ރޭ ކުޅެވުނު ޒޯން 1 ގެ ފޯރިގަދަ ފައިނަލް 3 - 1 ން ކަނޑިތީމް ބަލިކޮށް ކާމިޔާބުކުރީ އިހަވަންދޫއިންނެވެ. މިމެޗުގައި އިހަވަންދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އަދި ކަނޑިތީމުން ވެސް ވަނީ ފަހުވަގުތާ ޖެހެންދެން ވެސް މެޗުން މޮޅުވާން މަސައްކަތްކޮށްފަ އެވެ.
ޒޯން ފައިނަލް ކުޅޭ ހަމައެކަނި ޒޯނަކީ ޒޯން އެކެކެވެ.ޒޯން އެކެއްގައި ހަ ޓީމަކުން ވާދަކުރިއިރު، މެޗުތައް ކުޅުނީ ދެ ގުރޫޕަަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއްވަނަ ފައިނަލުގައި ކުޅޭއިރު އެ ދެ ޓީމަށްވެސް ގަދަ 16 އިން ޖާގައެއް ޔަގީންވާނެ އެވެ.
ފައިނަލުން އެނގިގެންދާނީ ޒޯން ޗެމްޕިއަން ޓީމެވެ. އެހެންކަމުން ޒޯން 1 ގެ ޗެމްޕިއަންކަން އިހަވަންދޫއިން ހޯދި ނަމަވެސް ކަނޑިތީމް ވެސް މިވަނީ އިހަވަންދޫއާއެކު މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.
ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖްގައި ކަނޑިތީމުން ހއ. ހޯރަފުށި ބަލިކޮށްފައި ވަނީ 5 - 0 ގެ ނަތީޖާއަކުންނެވެ. އަދި ފަހު މެޗުގައި ވައިކަރަދޫ ބަލިކުރީ 6 - 3 ގެ ނަތީޖާއަކުންނެވެ.
އިހަވަންދޫ ވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ބީގެ އެއްވަނައިގައި އިހަވަންދޫ ފައިނަލަށް ދަތުރުކުރިއިރު އެޓީމުން ގްރޫޕް ސްޓޭޖްގައި 3 - 2 ން ނާވައިދޫ ބަލިކުރިއިރު، އެޓީމުން މިލަންދޫ ކައިރިން މޮޅުވީ 3 - 1 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅެވުނު ޒޯން ފައިނަލުގައި އިހަވަންދޫ މޮޅުވިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިހަވަންދޫގެ ޖޯޒީ ނަމްބަރު 5 މުހައްމަދު ފަޒީލެވެ. ޒޯން 1 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު 3 ކުޅުންތެރިން ހޯދާފައިވެ އެވެ. އެއީ ކަނޑިތީމުގެ ޖޯޒީ ނަމްބަރު 80 މުހައްމަދު ޝާންގެ އިތުރުން ނާވައިދޫގެ ޖޯޒީ ނަމްބަރު 11 އަބްދުﷲ ވިޝާން އަދި ވައިކަރަދޫގެ ޖޯޒީ ނަމްބަރު 11 އިބްރާހިމް އަގީލް އެވެ.
ޒޯން 1 ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި އިހަވަންދޫގެ ޖޯޒީ ނަމްބަރު 10 އިބްރާހިމް ހާމިދެވެ. އޭނާ ވަނީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ޒޯން 1 ގެ ކިންގްގެ މަގާމު ހޯދާފަ އެވެ.