ކުޅުދުއްފުށީގެ ސްކޫލަތަކަށް އަމާޒުކޮށްގެން ހަފުތާ ބަންދުގައި ކުރިއަށްގެންދާ މާއްޓޭ ސްޕޯޓްސް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލުގައި އޭއީސީން މާދަމާ އަފީފުއްދީން ސްކޫލާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
ލީގު ފޯމެޓަށް ކުޅެ ކޮންމެ ޓީމަކާ ކޮންމެ ޓީމަކުން ދެމެޗު ކުޅުނުއިރު އަފީފުއްދީން ފޯރިގަދަ ފައިނަލާ ހަމައަށް އައިސްފައިވަނީ ކުޅުނު 4 މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި ފަސޭހަކަމާއެކުގަ އެވެ. އޭއީސީން ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުން މޮޅުވިއިރު އަފީފުއްދީނާ ދެކޮޅަށް ކުޅުނު ދެމެޗުން ވެސް އެޓީމުވީ ބައްޔެވެ.
ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލާ ހަމައަށް އަފީފުއްދީން ދަތުރުކުރި ނަމަވެސް އެޓީމަށް މާދަމާގެ ފައިނަލް ފަސޭހައެއް ނުވާނެ އެވެ. އަފީފުއްދީނުގެ ޑިފެންސަށް އެންމެ ބޮޑު އުދަނގުލަކަށް ވާނީ މިފަހަރުގެ މުބާރާތުގައި 9 ލަނޑު ކާމިޔާބުކޮށް މިހާތަނަށް ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ގޯލާ ރައްޓެހި ފޯވާޑް އަހްމަދު މުހައްމަދު ހިފެހެއްޓުމެވެ.
މުބާރާތުގައި ޖުމްލަ ގޮތެއްގައި ވަރުގަދަ އޭއީސީގެ ޑިފެންސް ލައިން ފޫއަޅުވާލާކަށް ވެސް އަފީފުއްދީނަކަށް ފަސޭހައެއްނުވާނެ އެވެ. އޭއީސީގެ ކީޕަރު އަދި ކެޕްޓަން ޒިޔާންގެ ހުށިޔާރުކަން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ޖުމްލަ ގޮތެއްގައި އޭއީސީގެ ޑިފެންސްލައިނާއި އެޓޭކް ވަރަށް ރަނގަޅެވެ. އެހެންނަމަވެސް އަފީފުއްދީނުގެ ޑިފެންސް ބީޓްކޮށްލާފައި ދިޔުމަކީ ވެސް އޭއީސީއަށް ފަސޭހަކަމަށް ނުވާނެ އެވެ.
މިމުބާރާތުގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި މިހާތަނަށް ފެނުނު އަފީފުއްދީން ޓީމު ފެންނަނީ ފިޒިކަލީ ވެސް ވަރަށް ވަރުގަދަކޮށެވެ. އަފީފުއްދީނުގެ ޓީމަށް ބަލާލާއިރު އެޓީމުގެ ގިނަ ކުޅުންތެރިންނަކީ ކުޅުދުއްފުށީގައި ބާއްވާ ފުޓްބޯޅައިގެ ގިނަ މުބާރާތްތަކަކުން ވެސް ފެންނަމުން އަންނަ ކުޅުންތެރިންތަކެކެވެ. ހާއްސަކޮށް ހިރަފުހުން އެންމެފަހުން ބޭއްވި ބަދަހި ހިރަފުސް ފުޓްބޯޅަ މުބާރާތުގެ 3 ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަފީފުއްދީނުގެ މުހައްމަދު ހަމްދާން ހޯދި އެވެ.
އަފީފުއްދީނުގެ މުހައްމަދު ޒައިން، މުހައްމަދު ރަޒާން އަދި ކީޕަރު ހަމްދާނާއި ޝަފްރާހް އަހްމަދަކީ ވެސް ކުޅުދުއްފުށީގެ ބޮޑެތި މުބާރާތްތަކުން ފެނި ކުރިއަރަމުން އަންނަ ޒުވާން ތަރިންނެވެ. ހަމައެއާއެކު އޭއީސީގެ އަހްމަދު މުހައްމަދު ވެސް ވަނީ ނިމިދިޔަ ބަދަހި ހިރަފުސް ކަޕުގެ ރަނަރަޕްކަން ހޯދި ފެމެލީ ބޭކާސް ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކާފަ އެވެ. ފުޓްބޯޅައިން އަލަށް އޭއީސީގެ ކީޕަރު ފާހަގަވި ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ކޮރަލް ފުޓްސަލް ކަޕްގައި ފެނިގެންގޮސްފަ އެވެ.
މީގެ އިތުރުން އަފީފުއްދީނުގެ މުހައްމަދު ހަލަފް، މުހައްމަދު އަބާންގެ އިތުރުން މުހައްމަދު ރީހާން އަކީ ވެސް ކުޅުދުއްފުށީގެ އެންމެ މަތީ ލެވެލްގެ މުބާރާތްތަކުން ފާހަގަވަމުން އަންނަ ކުޅުންތެރިންނެވެ. ދެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވެސް ރަށުގައި ބާއްވާ ކުދި މުބާރާތްތަކަކުން ފެންނަމުން ދިޔަނަމަވެސް މި ފާހަގަކޮށްލެވުނު ކުޅުންތެރިންނަކީ ކުޅުދުއްފުށީގެ ފުޓްބޯޅައިގެ މައިދާނަށް މިހާރު އާ މޫނުތަކެއް ނޫނެވެ. އަރަމުން އަންނަ މިޒުވާންތަރިންނަކީ ކުޅުދުއްފުށީގެ ފުޓްބޯޅައިގެ ކުރިމަގުކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އަފީފުއްދީންގެ ޓީމުގެ ކުޅުން ރަނގަޅުވެފައި ކާމިޔާބީގެ އަސްލަކީ ދަނޑަށް އާ ނުވުމާއި ހިރަފުސް ދަނޑަށް ބޮޑެތި މީހުންނާއެކު ކުޅެން ގޮސް ބިރުފިލާފައި ތިބުމާ ގިނަ މުބާރާތްތަކެއް ކުޅެފައިވުމުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މާދަމާގެ މެޗަށް އަފީފުއްދީނާއި އޭއީސީ ނުކުންނައިރު ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވޭއިރު މާދަމާގެ މެޗުގައި އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވާނެ ކުޅުންތެރިންގެ ގޮތުގައި ބެލެވެނީ އަފީފުއްދީނުގެ ޑިފެންޑަރު ހަމްދާނާއި ރަޒާންގެ އިތުރުން ޝަފްރާހް އަދި އޭއީސީގެ ގޯލާ ރައްޓެހި އަހްމަދު މުހައްމަދެވެ. އަދި އޭއީސީގެ ބާއިޝްއާއި ކީޕަރު ޒިޔާން ވެސް މިމެޗުގައި ވަރަށް ބޮޑަށް ފާހަގަވެގެންދާނެކަމަށް ބެލެވެ އެވެ.
އަފީފުއްދީން ސްކޫލާ އޭއީސީ ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.