ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)ގެ "މާއްޓޭ ފުޓްބޯޅަ އެކެޑެމީ" ގެ ޓީމުތަކުގެ މެދުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ކާމިޔާބު ޓީމަކަށް ކުޅުދުއްފުށީ ޓީމު ވެއްޖެ އެވެ.
ދެ ދުވަހަށް ބަހާލައިގެން މާލޭގައި ކުރިއަށްގެންދި މެޗުތައް ކުޅުމަށް މާއްޓޭ އެކެޑެމީގެ ކުޅުދުއްފުށީގެ ޓީމާއި މާއްޓޭ އެކެޑެމީގެ މާލޭގެ ޓީމާއި ވިލިމާލޭ ޓީމުގެ އިތުރުން ވިކްޓަރީގެ އެކެޑެމީގެ ޓީމެވެ.
ކޮންމެ ޓީމަކަށްވެސް ތިން މެޗު ކުޅުމަށް ފުރުސަތު ދީގެން ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ކުޅުދުއްފުށީ ޓީމު ވަނީ ކުޅުނު އެއްމެޗު ފިޔަވާ އެހެން ހުރިހާ މެޗަކުން މޮޅުވެފަ އެވެ.
ފުރަތަމަ ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު ކުޅުދުއްފުށީ މާއްޓޭ އެކެޑެމީ އާއި މާލޭ މާއްޓޭ އެކެޑެމީ ބައްދަލުކުރި މެޗު ކުޅުދުއްފުށީ ޓީމް ކާމިޔާބުކުރީ 11-00 ނެވެ. ދެވަނަ މެޗުގައި ކުޅުދުއްފުށީ ޓީމާއި ވިކްޓްރީގެ ޓީމް ބައްދަލުކޮށްވީ އެއްވަރެވެ.
އެދުވަހު ކުޅުނު ފަހު މެޗުގައި ވިލިމާލެ ޓީމާއި ބައްދަލުކޮށް 04-00 ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީވެސް ކުޅުދުއްފުށީ ޓީމެވެ.
ދެވަނަ ދުވަހުގެ ނަތީޖާތަކަށް ބަލާއިރު އެދުވަހު ކުޅުދުއްފުށީ ޓީމް ފުރަތަމަ ބައްދަލުކޮށްފައިވަނީ ވިކްޓްރީގެ ޓީމާ އެވެ. އެ މެޗުން 03-01 ނަތީޖާއަކުން ކާމިޔާބުކުރީ ކުޅުދުއްފުށީ ޓީމެވެ. ދެވަނަ މެޗުގައި މާލޭ ޓީމާއި ބައްދަލުކޮށް 01-08 ނަތީޖާއަކުން މެޗު ގެންދިޔައީވެސް ކުޅުދުއްފުށީ ޓީމެވެ.
މި ޕްރޮގުރާމްގެ ފަހު މެޗަށް ބަލާލާއިރު ވިލިމާލެ އެކެޑެމީގެ މައްޗަށް 10-01 ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީވެސް ކުޅުދުއްފުށީ ޓީމެވެ.
މި ޕްރޮގުރާމްތައް ނިންމާލުމަށްފަހު މިއަދު ހެނދުނު ކުޅުދުއްފުށީ ޓީމް ރަށަށް އައުމުން އެ ކުދިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި ޕްރޮގުރާމްގައި ބައިވެރިވަނީ 12 އަހަރުން ދަށުގެ ޓީމުތަކެވެ.