މިދިޔަ ހަފްތާ ބަންދުގައި ކުރިއަށްދިޔަ 5 ވަނަ ގައުމީ ގްރޭންޑް ޕްރިކްސް 800 މީޓަރު ދުވުމުން ކުޅުދުއްފުށީގެ ޒުވާން އެތްލީޓު އިބްރާހިމް އާދަމް (މާރިއޯ) ރަން މެޑަލް ހޯދައިފި އެވެ.
މިވަގުތު ރާއްޖޭގައި ގުނާލެވޭ ޒުވާން އެތްލީޓުންގެ ތެރެއިން މާރިއޯ އަކީ ފާހަގަކޮށްލެވޭ އެތްލީޓެކެވެ. އަރަމުން އަންނަ ޒުވާން އެތްލީޓު އަންނަނީ ގައުމީ ފެންވަރުގައި ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.
އިއްޔެ ނިމުނު ގްރޭންޑް ޕްރިކްސްގައި މާރިއޯ ވަނީ 800 މީޓަރު ދުވުމުން ރަން މެޑަލް ހާސިލްކޮށްފަ އެވެ. ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އަންނަ މާރިއޯ 800 މީޓަރު ނިންމީ 2.03.58 ންނެވެ. މިކާމިޔާބީއާއެކު މާރިއޯ ކޭއޯއަށް ދިން އިންޓަވިއުގައި އޭނާ ބުނީ މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި 800 މީޓަރުން ރަން މެޑަލް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާގެ މިކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް އޭނާ އަދާކޮށްފައިވަނީ އޭނާގެ ކޯޗު އަލީ ޝަރީފަށެވެ.
މާރިއޯއާއި އަހްނާ ވާދަކުރި އިވެންޓްތަކުން އެ އެތްލީޓުން ރަން މެޑަލް ހާސިލްކުރިއިރު އެދެ އެތްލީޓުންވެސް ވަނީ މިކާމިޔާބީއާއެކު ހިފެހެއްޓުމެއް ނެތް ޝުކުރު ކޯޗު އަލީ ޝަރީފް އަށް އަދާކޮށްފަ އެވެ. އެ ދެ އެތްލީޓުން ދެކޭގޮތުގައި އެމީހުންގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކޯޗުގެ މިންނެތް މަސައްކަތެވެ.
ގްރޭންޑް ޕްރިކްސްގައި ކުޅުދުއްފުށީގެ އެހެން އެތްލީޓުންގެ ކާމިޔާބީތަކަށް ބަލާލާއިރު އަހްނާ ނިޒާރު ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހާސިލްކޮށްފަ އެވެ. 100 މީޓަރު 12.69 ސިކުންތުން އަހްނާ ނިންމިއިރު 200 މީޓަރު އަހްނާ ދުވެފައިވަނީ 26.81 ސިކުންތުންނެވެ.
200 މީޓަރުން ކުޅުދުއްފުށީގެ ރިފާ މުހައްމަދު ދިޔައީ 4 ވަނަ އަށެވެ. އޭނާ ރޭސް ނިންމާފައިވަނީ 28.02 ސިކުންތުންނެވެ. އަދި 800 މީޓަރު ދުވުމުން ރިފާ ވަނީ 2 މިނެޓު 50.73 ސިކުންތުން ދުވެ 5 ވަނަ ހާސިލްކޮށްފަ އެވެ.
400 މީޓަރުން ދުވުމުން އިބްރާހިމް ބިން ހަމްޒާ 6 ވަނަ ހޯދިއިރު އޭނާ ރޭސް ނިންމާފައިވަނީ 57.78 ސިކުންތުންނެވެ. އަދި ޝަރީފް ސްޕޯޓްސްގެ އަހްމަދު ސައްމާހް އަލީ ދިޔައީ 400 މީޓަރުގެ 5 ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 55.14 ސިކުންތުންނެވެ. އަދި ސިޒާން އަލީ ރިޒާ ވަނީ ލޯންގް ޖަމްޕުގެ 5 ވަނަ ހާސިލްކޮށްފަ އެވެ. އޭނާ ވަނީ 5.97 މީޓަރަށް ފުންމާ ޕާސަނަލް ރެކޯޑް ވެސް ހަދާފަ އެވެ.
މިފަހަރުގެ މުބާރާތުގައި ވެސް ކުޅުދުއްފުށީގެ އެތްލީޓުން ގިނަ ކާމިޔާބީތަކެއް ހޯދިއިރު ކުޅުދުއްފުށިން އެތްލެޓިކްސްގެ މައިދާނަށް ގިނަ ހުނަރުތަކެއް އަންނަނީ ނެރެމުންނެވެ. ހާއްސަކޮށް ޝަރީފް ސްޕޯޓްސްގެ ފަރާތުން މިމައިދާނަށް ނުކުންނަ ކުދިން އަންނަނީ ގައުމީ ފެންވަރުގައި ތަފާތު ދައްކަމުންނެވެ.