މާއްޓޭ ސްޕޯޓްސް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހދ އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް އަފީފުއްދީން ސްކޫލުން ހޯދައިފި އެވެ.
މިމުބާރާތުގެ ތަށި އަފީފުއްދީނުން ހިއްލާލީ މިއަދު ކުޅެވުނު ފައިނަލު މެޗުގައި 5 - 0 ގެ ނަތީޖާއަކުން އޭއީސީ ބަލިކޮށްގެންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އޭއީސީގެ ޓީމުން ވެސް ވަނީ މެޗުގެ އެންމެފަހު ވަގުތާ ޖެހެންދެން ވެސް ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފަ އެވެ. އެހެންނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
މެޗުގައި އަފީފުއްދީނުގެ ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ފޯވާޑް އަތޫފް އެވެ. އެޓީމުގެ ދެވަނަ ލަނޑު މުހައްމަދު ޒައިން ޖަހައިދިންއިރު މުހައްމަދު ހަމްދާން ވަނީ ދެލަނޑު ޖަހާފަ އެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން ޝަފްރާހް އަހުމަދެވެ.
ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަފީފުއްދީން ސްކޫލުގެ ޖޯޒީ ނަމްބަރު 19 މުހައްމަދު ހަމްދާނެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު އޭއީސީގެ ކެޕްޓަން ޒިޔާން ހޯދިއިރު އެންމެ މޮޅު ޑިފެންޑަރު ލިބުނީ އަފީފުއްދީނުގެ ޝަފްރާހް އަހްމަދަށެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު އަފީފުއްދީނުގެ ރަޒާނަށް ލިބުނުއިރު އެންމެ މޮޅު ފޯވާޑްގެ މަގާމު ހާސިލް އަފީފުއްދީނުގެ ކުޅަދާނަ ފޯވާޑް މުހައްމަދު އަބާނެވެ.
އޭއީސީ ގޯލް މެޝިން އަހްމަދު މުހައްމަދަށް ޓޮޕް ސްކޯރާގެ މަގާމު ލިބުނުއިރު އޭނާ ވަނީ މިމުބާރާތުގައި ޖުމްލަ 9 ލަނޑު ކާމިޔާބުކޮށްފަ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަފީފުއްދީނުގެ ހުނަރުވެރި ޒުވާން ފޯވާޑް މުހައްމަދު އަބާނަށެވެ.
މިމުބާރާތުގައި ހުރިހާ ޓީމެއްގެ ސަޕޯޓަރުންގެ ފަރާތުން ވެސް ވަނީ ފޯރިގަދަ ސަޕޯޓެއް ފެނިގެންގޮސްފަ އެވެ. އަދި ފުޓްބޯޅައިގެ ފޯރި މިމުބާރާތުގައި ވަރަށް ބޮޑަށް ފެނިގެންގޮސްފައިވެ އެވެ.