twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާގެ މެޗުތައް މިރޭ ފަށަނީ

މުޙައްމަދު އަހުމަދު
Mar 25, 2022

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާގެ މެޗުތައް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

ކުއާޓާ ފައިނަލުގެ 4 މެޗު ވެސް މިރޭ ކުޅެން ހަމަޖެހިފައިވާއިރު މި މެޗުތައް ވެގެންދާނީ ރާއްޖޭގެ އެންމެ ގަދަ 8 ޓީމު ކުޅޭ ގަދަ 8 ގެ ބޮޑު ކުރިމަތިލުމަކަށެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ފޯރިގަދަ މެޗުތަކެއް ފެނުމަށް ފަހު މުބާރާތުގެ ކުއާޓާއާ ހަމައަށް އައިއިރު މުބާރާތުގެ ފޯރި މިވަނީ އިތުރަށް ގަދަވެފަ އެވެ.

ކުއާޓާ ފައިނަލުގެ މެޗުތައް:

1. ކ. ގާފަރު - މާފަންނު (21:15 - 20:15) (ގްރައުންޑް 1)

މިރޭގެ ފުރަތަމަ މެޗުގައި ނުކުންނާނީ ގަދަ 16 ގައި ގއ. ކޮނޑޭ ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލަށް ދަތުރުކުރި ކ. ގާފަރާއި މ. ދިއްގަރު ބަލިކޮށް ކުއާޓާއަށް ދަތުރުކުރި މާފަންނެވެ. ގަދަ 16 ގައި ގާފަރުން ކޮނޑޭ ބަލިކުރީ 2 - 1 ގެ ހަނި ތަފާތަކުންނެވެ. އަދި ދިއްގަރާ ދެކޮޅަށް ކުޅުނު މެޗު މާފަންނުން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ.

2. ހުޅުމާލެ - މާލެގަން (21:15 - 20:15) (ގްރައުންޑް 2)

ކުއާޓާގެ ދެވަނަ މެޗުގައި ނުކުންނާނީ ގަދަފަދަ ހުޅުމާލެއާއި މާލެގަން ޓީމެވެ. ހުޅުމާލެ ކުއާޓާއަށް ދަތުރުކުރީ ގަދަ 16 ގައި ޕެނަލްޓީން އދ. މާމިގިލި ކަޓުވާލާފަ އެވެ. އެމެޗުގައި ހުޅުމާލޭގެ ކީޕަރު ޒުހަލްގެ މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ. މާލެގަން ކުއާޓާއަށް ދަތުރުކުރީ ހަނި ހަނި ތަފާތަކުން ށ. ކަނޑިތީމު ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެމެޗު މާލެގަންއިން ކާމިޔާބުކުރީ 4 - 3 ންނެވެ.

3. ރ. ދުވާފަރު - ތ. ތިމަރަފުށި (22:15 - 21:15) (ގްރައުންޑް 1)

މިރޭގެ ތިންވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ނުކުންނާނީ މިހާތަނަށް މިމުބާރާތުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރ. ދުވާފަރާ އެވެ. ގަދަ 16 ގައި 7 - 0 ގެ ބޮޑު ތަފާތަކުން ދުވާފަރުން ގަދަ 16 ސ. ފޭދޫ ބަލިކުރިއިރު އެޓީމުގެ ހަލުވި ކުޅުންތެރިޔާ ޖުމާންގެ އާދަޔާހިލާފު މޮޅު ކުޅުން ފާހަގަވެގެންދިޔަ އެވެ. ތިމަރަފުށި ކުއާޓާ ދަތުރުކުރީ ފަހަތުން އަރާ 6 - 2 ގެ ނަތީޖާއަކުން އއ. މަތިވެރި ބަލިކޮށްގެންނެވެ.

4. ދ. ކުޑަހުވަދޫ - ބ. އޭދަފުށި (22:15 - 21:15) (ގްރައުންޑް 2)

ކުއާޓާގެ ފަހު މެޗުގައި ދ. ކުޑަހުވަދޫއިން ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ. ކުޅިވަރުގެ ގަދަބާރުންގެ ގޮތުގައި ފާހަގަވެފައި އޮތް މިދެޓީމުގެ ކުރިމަތިލުން ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވޭއިރު ގަދަ 16 ގައި އޭދަފުށިން ވަނީ ފުޓްސަލް ކިންގް އަޔާގެ ވާދޫ ބަލިކޮށްފަ އެވެ. އޭދަފުށި އެމެޗު ކާމިޔާބުކުރީ 3 - 1 ގެ ކުޑަ ތަފާތަކުންނެވެ.

ކުޑަހުވަދޫ ކުއާޓާއަށް ދަތުރުކުރީ ގަދަ 16 ގައި ޕެނަލްޓީން އިބްރާހިމް ހާމިދާއި، ފަޒީލް ކަހަލަ މޮޅެތި ކުޅުންތެރިން ހިމެނޭ ހއ. އިހަވަންދޫ ބަލިކުރުމަށްފަހުގަ އެވެ. ހާއްސަކޮށް ކުޑަހުވަދޫ ޖުމައިލް ޖަމީލްގެ ކުޅުން މިމެޗުގައި ފާހަގަވެގެންގޮސްފައިވެ އެވެ.

ކުއާޓާގެ މެޗުތައް މިރޭ ފަށަން ތައްޔާރުވެފައިވާއިރު ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ މަޝްހޫރު އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ވެސް ޖުމްލަ 91 ޓީމަކުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355