twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕްރިޒަން އޮފިސަރުން ހޯދުމަށް ކަރެކްޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް

ނަބީލާ އިސްމާޢީލް
May 7, 2022

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ޕްރިޒަން އޮފިސަރުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ޓީމެއް ކުޅުދުއްފުށީ ސިޓީއަށް އައުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އެޓީމުގެ މި ދަތުރުގައި ކުޅުދުއްފުށީގެ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނާ މިމަހުގެ 9ވަނަ ދުވަހުގެ ރޭ 20:30 ބައްދަލުކޮށް ޒުވާނުންނަށް ހުރި ފުރުސަތުތައް ހިއްސާކުރުމަށް ހަމަޖެފިފައިވާކަމަށްވެސް ކައުންސިލުން ބުނެ އެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މަސައްކަތް ކުރުމަށް އަންހެން އަދި ފިރިހެން އޮފިސަރުންވެސް ހިމެނޭ ގޮތަށް 180 އޮފިސަރުން ހޯދަން މި މަހު 5ގައި ވަނީ އިއުލާނު ކޮށްފަ އެވެ.

މިބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން https://forms.gle/sTea3xa9o22Ngpq9A ލިންކް މެދުވެރިކޮށް މާދަމާ 12:00ގެ ކުރިން ރަޖިސްޓްރީ ވުމަށް ކައުންސިލުން ވަނީ އެދެފަ އެވެ.

ގިިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާނު ކުރިއިރު، މުސާރައަކީ 6,050 ރުފިޔާއެވެ. އަދި ހުވާ ކުރުމަށްފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާލިބޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އަދި ނޮން-ޕްރެކްޓިސް އެލަވަންސްއަކީ އަސާސީ މުސާރައިގެ 45 ޕަސެންޓު ކަމަށް ކަރެކްޝަންގެ އިއުލާނުގައިވެއެވެ.

މި މަގާމުގެ ފެންވަރު ނުވަތަ ޝަރުތެއް ކަމަށް ބަޔާންކޮށްފައި ވަނީ، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު ސާނަވީ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައި ވުން؛ ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައި ވުމެވެ.

މީލާދީ ގޮތުން 18 އަހަރު ފުރި، 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމެވެ.

މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު، މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރުމަށް ކަރެކްޝަންސްގެ އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355