މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. ހުޅަނގު މޫސުމަކީ އާއްމުކޮށް ރާއްޖެއަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑު ގަދަވާ ދުވަސްވަރެވެ. ވާރޭ ފެނަކީ މާތްﷲ ލައްވާފައިވާ އެކަލާނގެ ގިނަގުނަ ރަޙްމަތުގެ ތެރެއިންވާ ރަޙްމަތެކެވެ. ނަމަވެސް ބައެއް ފަހަރަށް އެކަލާނގެ އިރާދަފުޅުން އެވާރޭއަކީ އަހަރެމެންނަށް ހުރި މުސީބާތަކަށްވެސް ވެދެއެވެ. ވާރޭ ވެހޭ ހިނދު އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ 4 ކަމެއް އަޅުގަނޑާ ތިޔަ ބޭފުޅުންގެ ފައިދާއަށްޓަކައި މިލިޔުމުގައި ހިމަނާލަމެވެ.
ވާރޭ ވެހޭ ހިނދު އެވާރޭއަކީ، އަޅުގަނޑުމެންނަށް ހުރި ރަޙްމަތެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވި ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން އައިސްފައިވެއެވެ. އެހެނީ، ކުރިންވެސް ދެންނެވި ފަދައިން ވާރޭގެ ސަބަބުން ފެންގަނޑު ބޮޑުވެ، މަގުތައް ކަނޑައިގެން ގޮސް، މަގުތަކާ ގޭގޭގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާކަމީ އަޅުގަނޑުމެންނަށް ފެންނަ ހަގީގަތެވެ. އޭގެ ސަބަބުން އިއާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް ލިބެއެވެ. ވުމާއެކު ވާރޭ ވެހެން ފެށުމުން އެވާރޭއަކީ ގެއްލުމެއް ނެތް ފައިދާހުރި އެއްޗެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ތިރީގައި މިވަނީ ވާރޭ ވެހޭ ހިނދު ކިޔުމަށް އައިސްފައިވާ ދުޢާއެކެވެ.
"اللَّهُمَّ صَيِّبًا نَافِعًا"
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިވާރޭ އަކީ ފައިދާހުރި ވާރޭއެއް ކަމުގައި ލައްވާނދޭވެ!"
ވާރޭ ވެހޭ ހިނދު އެވާރޭގައި ތެމިލުމަކީ ސުންނަތުން ސާބިތުވާ ކަމެކެވެ. މާތްﷲ ގެ ރަޙްމަތުން ވެއްސަވާ ވާރޭގެ ބަރަކާތުން ތިބާގެ ހަށިގަނޑު ތެންމާލުމަކީ ހިތް ނުތަނަވަސްކަމާ ފިކުރުތަކުން ދުރުކޮށްދީ ލުއިކަމެއް ގެނެސްދޭ ކަމެކެވެ.
ވާރޭ ވެހޭ ހިނދު ކުރެވޭ ދުޢާ އިޖާބަ ނުކުރައްވައި ދޫކޮށް ނުލައްވާކަމަށް އައިސްފައިވެއެވެ. ވުމާއެކު ވާރޭ ވެހޭ ވަގުތަކީ އަޅުގަނޑުމެންގެ ހުރިހާ އެދުންތަކައިގެން މާތްﷲ އަށް ދުޢާ ދަންނަވަން ލިބޭ ރަނުގެ ފުރުޞަތެކެވެ.
މާތްﷲ ގެ ހަޟްރަތުން ދެއްވި ރަޙްމަތަށް ޝުކުރު އަދާކުރުމަކީ އެ ރަޙްމަތުގައި ބަރަކާތް ލައްވާނޭ ކަމެކެވެ. މިދުނިޔޭގައި ސާފު ބޯފެން ނުލިބޭ އެތައް ބަޔަކު ނިކަމެތި ހާލުގައި އުޅޭކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހެއެވެ. އެހެންކަމުން އެކަލާނގެ ރަޙްމަތުން އަޅުގަނޑުމެންނަށް ދެއްވި ވާރޭ ފެނަށް އަބަދުވެސް އެކަލާނގެއަށް ޝުކުރުވެރިވާންވާނެއެވެ.