twitterviber whatsapp telegramfacebookyoutube instagram
16th April 2024

ސެމީގައި އޭއެފްއެސްއާއި ތާރޓީ ޕްލަސް ބަލިކޮށް ކެޑާ ފައިވް ފައިނަލަށް

މުޙައްމަދު އަހުމަދު
May 19, 2022

ކޭވައިއާރުސީ ނެޓްބޯޅަ ޗެލެންޖް 2022 ގެ ސެމީ ފައިނަލުގައި އަފީފުއްދީން އެސްއާރުސީ އަދި 30 ޕްލަސް ބަލިކޮށް ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އަދި ޓީމް ފައިވް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓުގައި ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު އަފީފުއްދީން އެސްއާރުސީ ބަލިކޮށް ހޯދީ ފައިވް އިންނެވެ. މިމެޗު ފައިވްއިން ކާމިޔާބުކުރީ 28 ޕޮޓް 7 ޕޮޓުންނެވެ.

ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އޭއެފްއެސްއިން މެޗުގައި ހިތްވަރު ދެއްކި ނަމަވެސް ފައިވްއިން ވަނީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިވްގެ ހަސީނާ ހަސަން އެވެ.

ދެވަނަ ސެމީގައި ބައްދަލުކުރީ ތާރޓީ ޕްލަސް އަދި ކެޑެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ހަނި ތަފާތަކުން ކާމިޔާބުކުރީ ކެޑުންނެވެ. ފަހުވަގުތު އެޅި ޕޮޓާއެކު 25 ޕޮޓް 24 ޕޮޓުން ކެޑް ވަނީ ތާރޓީ ޕްލަސް ބަލިކޮށްފަ އެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ހަމަހަމަ ކުޅުމެކެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޑުގެ ސަމާ އިބްރާހިމް އެވެ.

މިމެޗުންވީ މޮޅާއެކު ކެޑް ފައިނަލަށް ދަތުރުކުރިއިރު ފައިނަލުގައި އެޓީމުން ނުކުންނަން ޖެހޭނީ މިމުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ފައިވްއާ ދެކޮޅަށެވެ. މީގެކުރިން ގްރޫޕް ސްޓޭޖްގައި ކެޑާއި ފައިވް ބައްދަލުކުރި މެޗު ކާމިޔާބުކުރީ 37 ޕޮޓް 11 ޕޮޓުން ފައިވް އެވެ.

މިމުބާރާތުގެ ފައިނަލަށް ފައިވް ދަތުރުކޮށްފައިމިވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދާ ސެމީގައި އޭއެފްއެސް ބަލިކޮށެވެ. އަދި ކެޑް ފައިނަލަށް ދަތުރުކޮށްފައި މިވަނީ ގްރޫޕް ބީގެ ދެވަނަ ހޯދާ ސެމީގައި ތާރޓީ ޕްލަސް ބަލިކޮށެވެ. ފައިނަލު މެޗުގައި މާދަމާ ހަވީރު ކެޑާ ފައިވް ބައްދަލުކުރާއިރު މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355