twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހޮހޮޅައިގައި ތާށިވި 3 މީހެއްގެ ވާހަކަ - ނަބަވީ

ހ.މ
May 30, 2022

އެއީ ސަހަރާގައި ދަތުރު ކުރަމުން ދިޔަ 3 މީހުންނެވެ. އެމީހުން ފަރުބަދަ މަތިން ހޮހޮޅައެއް ފެނުމުން އެއިން ރައްކާތެރިކަން ހޯދުމަށް ވަނެވެ. އެހިނދު ބޮޑު ހިލަ ގަނޑެއް ވެއްޓި އެތަނުން ނުނިކުމެވޭ ގޮތަށް އެ ހޮހޮޅަ ބަންދުވިއެވެ. ސަލާމަތް ވެވޭނެ އެއްގޮތެއްވެސް ނެތެވެ. އެތަނުން އެކަކު ބުންޏެވެ. ކޮންމެ މީހަކުވެސް އެމީހަކު މާތްﷲ ގެ މަގުގައި ކުރެވިފައިވާ އެންމެ ހެޔޮ ޢަމަލަކުން އެކަލާނގެއަށް ދުޢާ ކުރުމަށް ހިނގާށެވެ. އެކަލާނގެ އިރާދަކުރެއްވިއްޔާ އަހުރެމެން ސަލާމަތްވާނެތެވެ.

އެކަކު ދުޢާ ކުރިއެވެ. އަހުރެންގެ މައިންބަފައިންނީ މުސްކުޅި ދެމީހުންނެވެ. އަހުރެންގެ އާއިލާއަށް ބުއިމަށް ލިބޭ ކިރުން، އެ ދެމީހުންނަށް އެންމެ ފުރަތަމަ ނުދީ އެހެން އެއްވެސް މީހަކަށް ނުދެމެވެ. އެއްދުވަހަކު އަޅުގަނޑު ލަހުން ގެއަށް އާދެވުނު އިރު އެދެމީހުން ތިބީ ނިދާފައެވެ. އަހުރެންގެ ދަރިން ބަނޑުހައިވެގެން ރޮމުން ދިޔައިރުވެސް މަންމައާއި ބައްޕަ ހޭލައިގެން އެއިން އެދެމީހުން ބުއިމަށް ދާންދެން، އެކުދިންނަށް ނުދީ ހުރީމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއީ އިބަ ﷲ ރުހިވޮޑިގަތުން ލިބިގެންވާ ޢަމަލެއް ކަމުގައިވާނަމަ، އަޅަމެންނަށް ޖެހިފައިމިވާ ޙާލުން ސަލާމަތް ކޮށްދެއްވާންދޭވެ! ހޮހޮޅައިގެ މަތީގައި އޮތް ހިލަގަނޑުން ތަންކޮޅެއް އެވަގުތު ފެއަށް ޖެހުނެވެ. ނަމަވެސް އެމީހުންނަށް ނުކުމެވޭ ވަރެއް ނުވެއެވެ.

ދެވަނަ މީހާ ދުޢާކުރިއެވެ. އަހުރެންގެ ދެބެންގެ ދެދަރި އަންހެން ކުއްޖެއްވެއެވެ. އެކުއްޖާއަކީ އަހުރެންގެ ތިމާގެ މީހުންގެ ތެރެއިން އަހުރެންނާ އެންމެ ގާތް ހިތްހެޔޮކަން ބަހައްޓާ އެކަކެވެ. އަހުރެންގެ ހިތުގައި އެކުއްޖާއާ މެދު ޝަހުވާނީ އެދުންވެރިކަން އުފެދި އެކަމަށް ބޭނުންވިއެވެ. އެކަމަކު އެކުއްޖާ އެކަމަށް ނުރުހުނެވެ. އެކުއްޖާގެ ދިރިއުޅުން ނިކަމެތިވެ ކާނޭ ބޯނޭ އެއްޗެއް ނެތިގެން އެހީތެރިކަމަކަށް އެދިގެން އެއްފަހަރަކު އަހުރެންގެ ގާތަށް އައެވެ. އަހުރެން 120 ދީނާރު އެކުއްޖާއަށް ދިނީމެވެ. ޝަރުޠަކާ އެކުގައެވެ.

އެއީ އަހުރެންނާ އެކު ގުޅުން ހިންގުމަށް އެއްބަސްވާ ގޮތުގެ މަތިންނެވެ. އަހުރެން އެކުއްޖާއާ ގާތްވި ހިނދު އެކުއްޖާ ބުންޏެވެ. ކައިވެނި ނުކޮށް މާތްﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ކުރުމަށް އެކަލާނގެއަށް ބިރުވެތިވާށެވެ. އަހުރެން އެކުއްޖާއާ ދުރަށް ދިޔައީމެވެ. އަދި އެކުއްޖާއަށް ދިން ދީނާރުވެސް އެކުއްޖާއަށް ދިނީމެވެ. މިއީ އިބަ ﷲ ރުހިވޮޑިގަތުން ލިބިގެންވާ ޢަމަލެއް ކަމުގައިވާނަމަ، އަޅަމެންނަށް ޖެހިފައިމިވާ ޙާލުން ސަލާމަތް ކޮށްދެއްވާންދޭވެ! ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ހޮހޮޅައިގެ މަތީގައި އޮތް ހިލަގަނޑުން ތަންކޮޅެއް ފެއަށް ޖެހުނެވެ. ނަމަވެސް ނުކުމެވޭ ވަރެއް އަދިވެސް ނުވެއެވެ.

ދެން ތިންވަނަ މީހާ ދުޢާ ކުރިއެވެ. އަހުރެން ބަޔަކު ލައްވާ މަސައްކަތެއް ކުރުވީމެވެ. މަސައްކަތް ނިމުމުން އެމީހުންނަށް އުޖޫރަ ދެމުން ދަނިކޮށް އެކަކު އުޖޫރަ ނުދެވެނީސް ހިނގައްޖެއެވެ. އަހުރެން އޭނާގެ އުޖޫރައިން ވިޔަފާރި ކުރީމެވެ. އެއިން ބޮޑު ފައިދާއެއްވިއެވެ. ދުވަސްތަކެއް ފަހުން އެމީހާ އައިސް އޭނާގެ އުޖޫރަ ދިނުމަށް އެދުނެވެ. އެހިނދު އަހުރެން އޭނާގެ އުޖޫރައިން ވިޔަފާރިކޮށް ލިބުނު ހުރިހާ ތަކެއްޗެއް ދައްކުމަށްފަހު އެހުރިހާ އެއްޗެއް ގެންދިޔުމަށް ދެންނެވީމެވެ. އޭގެ ތެރޭގައި ޖަމަލާ، ގެރިއާ، ކަންބަޅި ހުއްޓެވެ. އަދި އެތަކެތި ބެލުމަށް މީހުންވެސް ވެއެވެ. އެމީހާ އެހުރިހާ އެއްޗެއް ހިފައިގެން ދިޔައެވެ. މިއީ އިބަ ﷲ ރުހިވޮޑިގަތުން ލިބިގެންވާ ޢަމަލެއް ކަމުގައިވާނަމަ، އަޅަމެންނަށް ޖެހިފައިމިވާ ޙާލުން ސަލާމަތް ކޮށްދެއްވާންދޭވެ! މިފަހަރު ހޮހޮޅައިގެ މަތީގައި އޮތް ހިލަގަނޑު އެއްކޮށް ފެއަށްޖެހި އެމީހުންނަށް ނުކުމެވޭ ގޮތްވިއެވެ.

މިވާހަކައިން ލިބޭ ޢިބްރަތްތަކުގެ ތެރޭގައި އަހުރެމެންގެ ޢަމަލުތައް ސީދާވެގެންވާ ތެދުމަގުގައި އަބަދުވެސް ހިފެހެއްޓުމުގެ މުހިންމުކަން އެނގެއެވެ. އަދި ދުޢާ އިޖާބަ ކުރެއްވުމުގެ ކަމެއްގެ ގޮތުގައި ހެޔޮ ޢަމަލު ގިނައިން ކުރުން ހިމެނެއެވެ. އަދި އެކަލާނގެއަށް ވަކީލު ކުރުމުން ނޫނީ އަހުރެމެންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަންވެސް އެނގެއެވެ. އަދިވެސް، ތިމާއަށް ޖެހޭ މުސީބާތްތަކާ ދަތި އުނދަގޫތަކުގައިވެސް ކެތްވެރިވެ އެކަލާނގެއަށް ދުޢާކޮށް، އެކަލާނގެ އެންގެވި މަގުގައި ސާބިތުވެ ހުރުމުން، އެކަމަކުން ސަލާމަތްކަން ލިބޭނެކަންވެސް މިވާހަކައިން ލިބޭ ޢިބްރަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355