ޒަމާނުއްސުރެ އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމުގައި މަރުގެ ހުކުމާއި ގުޅުވައިގެން ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް އެ ސިޔާސަތަށް އެއްވެސް ބަދަލެއް އެއްވެސް ސަރުކާރެއްގައި ގެނެސްފައިނުވާކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދާ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު ކުރައްވާ ސުވާލަކާއި ގުޅިގެންނެވެ.
މެންބަރު ކުރެއްވި ސުވާލަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯއާއި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެ ސިޔާސަތަށް އެއްވެސް ބަދަލެއް އެއްވެސް ސަރުކާރެއްގައި ގެނެސްފައިނުވާކަމަށާއި އެއީ މަރުގެ ޙުކުމް ތަންފީޒު ނުކޮށް ދަމަހައްޓަން ޒަމާނުއްސުރެ އަމަލުކުރަމުންދާ މޮރިޓޯރިއަމްގެ ދަށުން ހުރިހާ ސަރުކާރަކުންވެސް މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ ގޮތްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް ބޯލަނބައިގެން ތިބޭތާ 900 އަހަރުވެފައިވާއިރު، އިސްލާމް ދީނުގެ ޙުކުމްތައް އިސްތިސްނާއެއް ނެތި ޤަބޫލު ކުރަންޖެހޭކަމަށާއި ދިވެހިން އިސްލާމް ދީން ޤަބޫލުކުރީ މި ދީނުގެ ފުރިހަމަކަން ޤަބޫލުކޮށްގެން ކަމަށެވެ.
މީގެ ކުރީ ސަރުކާރުތަކުން އެކި ފަހަރުމަތިން މަރުގެ ޙުކުމް ތަންފީޒު ކުރާނެކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރަން ކެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ 21 ނޮވެމްބަރ 2014 ގައި ވިދާޅުވެފައެވެ. އަދި ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހޯމް މިނިސްޓްރީން އަމުރުކުރީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.