ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައި ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލައިގައި 109 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ހުސައިން ޝިފާއު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ޝިފާއުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ޖުމުލަ 23 ދައުވާއެއް އުފުލާފައިވާއިރު، އެ ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 18ގައި ކްރިމިނަލް ކޯޓުންވަނީ ޝިފާއު 109 އަހަރަށް ޖަލަށްލައިފައެވެ. އަދި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޝިފާއު ގޭބަންދަށް ދޫކޮށްފައި ވަނީ ސިއްހީ ފަރުވާ ދިނުމަށް ކަމަށެވެ. އަދި ފުރަތަމަ އެއް މަސް ދުވަހަށް އޭނާ ދޫކޮށްފައި ހުރި ކަމަށާއި، ނަމަވެސް އެ މުއްދަތުގައި އޭނާގެ ހާލަތު ރަނގަޅު ނޫންނަމަ ގޭބަންދުގެ މުއްދަތު އިތުރުކުރާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ ޖަލުތަކާ ބެހޭ ގާނޫނުގައި ހާލަތްތަކެއް ބަޔާންކޮށްފައި ހުންނާނެ ކަމަށެވެ. ގައިދީންނަށް ޖަލުގައި އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދެވެން ނެތް ހާލަތްތަކުގައި ހޮސްޕިޓަލަށް ނުވަތަ ގެއަށް ބަދަލުކުރުމަކީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން ޝިފާއު ގެއަށް ބަދަލުކުރަން ޖެހުނީ ވެސް، އޭނާއަށް ބޭނުންވާ ފަރުވާ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖަލުގައި ބަހައްޓައިގެން ދެވެން ނެތުމުންކަމަށް އިޙްސާން ފާހަގަކުރެއްވިއެވެ.
ޝިފާއުގެ މައްޗަށް 109 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ، އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލައިގައި ދަށު ކޯޓުން ވަނީ ނިންމާފައެވެ.




