އިނގިރޭސި ވިލާތުގެ ބާމިންގްހަމްގައި މިއަހަރު އޮންނަ ކޮމަންވެލްތް ގޭމްސްއަށް ރާއްޖެއިން ނެގި ސްކޮޑްގައި ކުޅުދުއްފުށީގެ އެތްލީޓަކު ހިމެނިއްޖެ އެވެ.
މި ސްކޮޑްގައި ހިމެނުނީ ކުޅުދުއްފުށިން އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ އުމުރުން 17 އަހަރުގެ ރިފާ މުހައްމަދު އެވެ. ރިފާ ހޮވުނީ ކުޅުދުއްފުށީ ޓްރެއިނިން ސެންޓަރުންނެވެ.
ކުޅުދުއްފުށީގެ އެތްލީޓުން އެތްލެޓިކްސްގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު މިފަހަރުގެ ކޮމަންވެލްތް ގޭމްސްއަށް ކުޅުދުއްފުށީގެ އެތްލީޓަކު ހޮވުމަކީ ވެސް ކުޅުދުއްފުށިން ރަނގަޅު އެތްލީޓުންތަކެއް ނުކުންނާނެކަން ދޭހަވާ ކަމެކެވެ.
އެންމެފަހުން ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި ވެސް ކުޅުދުއްފުށީގެ އެތްލީޓުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. ރިފާވެސް ވަނީ އެމުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން 19 އަހަރުން ދަށުގެ 100، 200 އަދި 400 މީޓަރު ސްޕްރިންޓުން 2 ވަނަ ރިފާ ވަނީ ހޯދާފަ އެވެ.
ރިފާ ދުވަނީ ކޮން އިވެންޓެއްގައި ނޭނގުނުނަމަވެސް ރިފާ އަކީ އާންމުކޮށް ކުރު ދުވުންތައް ޖަހާ އެތްލީޓެކެވެ. އޭނާ އާންމުކޮށް ޖަހަނީ 100، 200 މީޓަރު ސްޕްރިންޓާއި 400 މީޓަރު ސްޕްރިންޓެވެ. ކޭއޯއާ ވާހަކަދައްކަމުން ރިފާ ބުނީ އޭނާގެ އުއްމީދަކީ ކޮމަންވެލްތް ގޭމްސްގައި ރަނގަޅު ނަތީޖާއެއް ހޯދާ ރަށާއި ގައުމު ފަހުރުވެރިވާނެފަދަ ނަތީޖާއެއް ހޯދުން ކަމަށެވެ.
މިފަހަރުގެ ކޮމަންވެލްތް ގޭމްސްއަށް ހޮވާލެވުނު ޓީމުގައި 6 ދުވުންތެރިން ހިމެނެ އެވެ. އެއީ ކުޅުދުއްފުށީ ޓްރެއިނިން ސެންޓަރުގެ ރިފާއާއި ކުޑަހުސެން ސްޕޯޓްސްގެ މަރިޔަމް ރޫޔާ އަލީއާއި އައްޑޫ ޓްރެއިނިން ސެންޓަރުގެ އައިޝަތު ހިމްނާ ހަސަނާއި މަރިޔަމް އަލްހާ ހުސެއިންގެ އިތުރުން ދާންދޫގެ ޓްރެއިނިން ސެންޓަރުގެ އައިމިނަތު ލަޔާނާ މުހައްމަދާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.