twitterviber whatsapp telegramfacebookyoutube instagram
15th March 2026

އިންޑިއާގައި ބާއްވާ ނެޝަނަލް އޯޕަން ރިލޭ މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުގައި ކުޅުދުއްފުށީގެ ދެ ދުވުންތެރިން

މުޙައްމަދު އަހުމަދު
Mar 14, 2026

އިންޑިއާގެ ޗަންދީގަރުގައި މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ނެޝަނަލް އޯޕަން ރިލޭ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އެތުލެޓިކްސް ޓީމުގައި ކުޅުދުއްފުށީގެ ދެ ދުވުންތެރިން ހިމެނިއްޖެ އެވެ.

މި މުބާރާތުގައި ވާދަކުރުމަށް ހޮވުނު ކުޅުދުއްފުށީގެ ދެ އެތުލީޓުންނަކީ އަހުނާ ނިޒާރު އާއި ސިޒާން ޢަލީ ރިޒާ އެވެ. އަހުނާއަކީ އަންހެނުންގެ 60 މީޓަރު، 100 މީޓަރު އަދި 200 މީޓަރުގެ ދުވުމުން މިހާރުގެ ޗެމްޕިއަނެވެ.

މީގެ ކުރިންވެސް ސަރަޙައްދީ އެކި މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ އަހުނާގެ އިތުރުން، މިފަހަރުގެ ޓީމުން ސިޒާން ޢަލީ ރިޒާ ޖާގަ ހޯދުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މިއީ ސިޒާން ޤައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރުގެ އިތުރުން، ސަރަޙައްދީ މުބާރާތެއްގައި އޭނާ ވާދަކުރާ ފުރަތަމަ ފަހަރުވެސްމެ އެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ހަތަރެއް ގުނަ 100 މީޓަރުގެ އަންހެން އަދި ފިރިހެން އިވެންޓުގެ އިތުރުން، ހަތަރެއް ގުނަ 400 މީޓަރުގެ އަންހެން އަދި ފިރިހެން އިވެންޓުގަ އެވެ. މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމުތައް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ހަތަރެއް ގުނަ 100 މީޓަރުގެ ފިރިހެން ޓީމުގައި ހިމެނެނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ނުޖޫމް ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާ އެވެ.

ހަމަ މި އިވެންޓުގެ އަންހެން ޓީމުގައި ހިމެނެނީ އަންހެނުންގެ މިހާރުގެ އެންމެ ބާރު ދުވުންތެރިޔާ އަހުނާ ނިޒާރު، ޢައިޝަތު ޝަބާ ސަލީމް، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއު އެވެ.

ހަތަރެއް ގުނަ 400 މީޓަރުގެ ފިރިހެން އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނީ އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލް އެވެ. އަދި އަންހެން 400 މީޓަރު ރިލޭ ޓީމުގައި ހިމެނެނީ އައިޝަތު ނައަދު އައްސަދު ވަޖުދީ، އައިމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒު އަދި ޒީކް އަޝްރަފް ރަޝީދު އެވެ.

މި މުބާރާތަކީ ސަރަޙައްދީ ފެންވަރުގައި ރާއްޖޭގެ ދުވުންތެރިންގެ ހުނަރު ދައްކާލުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ތަޖުރިބާ ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

ކުޅުދުއްފުއްޓަކީ އެތުލެޓިކްސްގެ ހުނަރުވެރިން އުފައްދާ މަރުކަޒަކަށް ވެފައިވާއިރު، ޤައުމީ ސްކޮޑުން އާ އެތުލީޓުން ޖާގަ ހޯދުމަކީ، ރަށުގައި މި ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމުގެ ހެއްކެކެވެ.

ހުނަރުވެރި އެތައް އެތްލީޓުންނެއް ކުޅުދުއްފުށީގައި އުފެދެމުންދާއިރު އެތްލީޓުންގެ އެންމެ ބޮޑު އުންމީދަކީ ރަށުގައި ސިންތަޓިކް ޓްރެކް ހަގީގަތަކަށްވެ، ކޮންމެ އަހަރަކުވެސް ބޮޑު މުބާރާތެއް ކުޅުދުއްފުށީގައި ބޭއްވިގެން ދިޔުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355