ދިވެހިރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މައިލޯ އެސޯސިއޭޝަން އެތްލެޓިކްސް ޗެމްޕިއަންޝިޕުން ކުޅުދުއްފުށީގެ އެތްލީޓުން ރަންވަނަތައް ހާސިލްކޮށްފި އެވެ.
މިމަހު 12 - 14 އަށް ކުރިއަށް ދިޔަ މިމުބާރާތުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ ޓީމުތަކާއި އެތްލީޓުން ވަނީ ގައުމީ ފެންވަރުގައި އެކި އެކި އިވެންޓްތަކުން ރަންވަނަތައް ހާސިލްކޮށް ކުޅުދުއްފުށި ފަހުރުވެރިކޮށްދީފަ އެވެ. ހާއްސަކޮށް ކުޅުދުއްފުށީގެ އަރަމުން އަންނަ ޒުވާން ތަރި އައުހާގެ ކާމިޔާބީތައް ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ.
އެގޮތުން މިފަހަރުގެ މުބާރާތުގެ ވަކި ވަކި އެތްލީޓުންގެ ކާމިޔާބީތަކަށް ބަލާލާއިރު ޝަރީފް ސްޕޯޓްސްގެ އައިމިނަތު އައުހާ އަބްދުއްރަހްމާން ވަނީ މުޅި މުބާރާތުގެ 16 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ހޯދާފަ އެވެ. އައުހާ ވަނީ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރުން އަދި 200 މީޓަރުން ވެސް ރަން މެޑަލް ހޯދާފަ އެވެ. އަދި މީގެ އިތުރުން ލޯންގް ޖަމްޕުން ވެސް އައުހާ ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ.
ޝަރީފް ސްޕޯޓްސްއިން ވަނީ 16 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ޓީމުގެ މަގާމުވެސް ހާސިލްކޮށްފަ އެވެ. ކުޅުދުއްފުށީގެ ގިނަ އެތްލީޓުންތަކެއް ވާދަކުރި މިމުބާރާތުގެ އެހެން އިވެންޓްތަކަށް ބަލާލާއިރު މަންތާ ސްޕޯޓްސް އެކަޑަމީގެ ސައިލާ އާދަމް ވަނީ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ 400 މީޓަރު ސްޕްރިންޓުން ރަން މެޑަލް ހާސިލްކޮށްފަ އެވެ.
އަންހެނުންގެ ސީނިއާ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު އެއް އަންހެން ދުވުންތެރިޔާ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރު ރަން މެޑަލް ހޯދިއިރު ސީނިއާ ފިރިހެނުންގެ 1500 މީޓަރާއި 800 މީޓަރު ދުވުމުން ދިވެހި ސިފައިންގެ ކުލަބުގެ ހުސެއިން ރިޒާ ވެސް ވަނީ ރަން މެޑަލް ހޯދާފަ އެވެ.
ޝަރީފް ސްޕޯޓްސްގެ ސިޒާން އަލީ ރިޒާ ސީނިއާ ފިރިހެނުންގެ ލޯންގް ޖަމްޕުން ރަން މެޑަލް ހޯދިއިރު 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ޓްރިޕަލް ޖަމްޕުން އައިޝަތު ޒައިނާ ހަމްޒާ ވަނީ ރަން މެޑަލް ހޯދާފަ އެވެ.
ގިނަ ރަން މެޑަލްތަކަކާއެކު މިފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުން ކުޅުދުއްފުށީގެ އެތްލީޓުން މިވަނީ ރަންވަނަތަކެއް ހޯދާ ރަށުގެ ނަން ރަން އަކުރުން ފަވާލަދީފަ އެވެ.