ފަސް އަހަރުގެ މުއްދަތަށް ހިންގަން އަމާޒުކޮށް، ބޭންކް އޮފް މޯލްޑިވްސްއިން 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހްކޮށްފިއެވެ.
ފެހި ޕްރޮޖެކްޓްގެ ދަށުން، ބީއެމްއެލްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމަށް ވަނީ އަމާޒު ހިފާފައެވެ.
މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެކެވެ.
ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރިއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މި ޖީލާއި ކުރިއަށް އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ، އެ ބޭންކުގެ ވެސް ޒިންމާއެއްކަމަށް ދެކޭ ކަމަށެވެ.
"ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ކާބަން ޕުޓްޕްރިންގެ ދަށްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމްކުރެވިގެންދާނެ. ރަށު ކައުންސިލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ސޯޔާ ވިދާޅުވިއެވެ.
ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފަހު ތާރީޚަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59އެވެ.
ބީއެމްއެލްއިން ބުނީ އެ ތާރީހުގެ ކުރިން fehiproject@bml.com.mvއަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވޭނެ ކަމަށެވެ.
އެޕްލިކޭޝަނާއި މި ޕްރޮޖެކްޓްގެ ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.