ޙުރުމަތްތެރިވެގެންވާ ހައްޖުމަހާއި ކުރިމަތިލާއިރު އެމަހުން އަހަރެމެންނަށް ވަރަށްގިނަ ޢިބްރަތްތެރި ފިލާވަޅުތައް ވެއެވެ. އެމަހަކީ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ހައްޖުގެ އަޅުކަން ކުރެވޭ މަހެވެ. އެ އަޅުކަމާ ވިދިގެން އައިސްފައިވާ ތާރީޚީ އެތައް ހާދިސާތައް ވެއެވެ. ތިރީގައިމިވަނީ އެފަދަ ޢިބްރަތްތެރި ހާދިސާއެކެވެ.
ހާޖަރު ގެފާނަކީ މާތްﷲ ގެ ނަބިއްޔާ އަދި ރަސޫލާ އިބްރާހީމް ޢަލައިހިއްސަލާމްގެ 2 ވަނަ އަނބިކަބަލުންނެވެ. އަދި އިސްމާޢީލް ގެފާނުގެ ލޮބުވެތި މަންމާފުޅު ވެސްމެއެވެ.
އޭރު އިސްމާޢީލް ގެފާނަކީ ތުއްޕުޅު ބޭކަލެކެވެ. އިބްރާހީމް ގެފާނު، ހާޖަރު ގެފާނާއި އިސްމާޢީލް ގެފާނާއެކު މައްކާގެ ހަނަފަސް ބިމަށް ވަޑައިގަތެވެ. އެއީ މީހެއްގެ ހިލަމެއް ނެތް ފަޅުތަނެކެވެ. ހިޔާވާނެ ފަދައެއް އަދި ކިއެއް ފެންފޮދެއްވެސް ލިބޭކަށް ހުރި ތަނެއް ނޫނެވެ. މާތް ﷲ ގެ އަމުރުފުޅަށް އިބްރާހީމް ގެފާނު އިސްމާޢީމް ގެފާނާއި ހާޖަރު ގެފާނު އެ ހަނަފަސް ބިމަށް އެކަނި ދޫކުރައްވާ ވަޑައިގަންނަވަން ފެއްޓެވިއެވެ.
އެފަދަ ހާލެއްގައި ގިނިކަންޏާ ދޫކުރައްވާ ވަޑައިގަންނަވަން ފެއްޓެވުމުން ހާޖަރު ގެފާނު، އެކަލޭގެފާނަށް ސުވާލު ތަކުރާރު ކުރެއްވިއެވެ. ކަލޭގެފާނު އަހަރެމެން ދޫކުރައްވާ ވަޑައިގަންނަވަނީތޯއެވެ؟ މިފަދަ ތަނަކަށް އަޅުގަނޑުމެން ދޫކުރައްވާ ވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟ އިބްރާހީމް ގެފާނު އެ ސުވާލަށް ޖަވާބެއް ނުދެއްވާ ކުރިޔަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. އެންމެ ފަހުން ހާޖަރު ގެފާނު ސުވާލު ކުރެއްވިއެވެ. މިއީ ކަލޭގެފާނަށް އެންގެވިގެންވާ އަމުރުފުޅެއްތޯއެވެ؟ އެހިނދު އިބްރާހީމް ގެފާނު އާއެކޭ ދެންނެވިއެވެ. ހާޖަރު ގެފާނު ދެންނެވިއެވެ. އެހެންވީއިރު އެކަލާނގެ އަހުރެމެންނަށް ދެރަގޮތެއް ނުހައްދަވާނެއެވެ.
އެކަމަނާ ތުއްޕުޅު އިސްމާޢީލް ގެފާނާއެކު އެ ހާލުގައި އިންނަވަނިކޮށް ބޯން ގެންދިޔަ ފެންފޮދު ހުސްވެ ފެނަށްޖެހުނެވެ. އަދި އިސްމާޢީލް ގެފާނު ފެންފޮދެއް ބޭނުންފުޅުވެގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު ހާޖަރުގެފާނު ފެންފޮދެއް ހޯއްދެއްވުމަށް ޞަފާއާއި މަރުވާ ފަރުބަދަ ދެމެދު ދުވެވަޑައިގެންނެވިއެވެ. ކޮންމެ ފަރުބަދައަކަށް އަރާފައިވެސް މީހަކު ފެނޭތޯ މަސައްކަތް ކުރެއްވިއެވެ. ތުއްޕުޅު ދަރިކަލުން ފެނަށް ކީރިތި ކުރައްވާ މަންޒަރު ބަލަން މައިމީހާއަށް ކެތްވާނެތޯއެވެ؟ އެކަމަނާ ޞަފާއާ މަރުވާ ފަރުބަދަ ދެމެދު 7 ފަހަރު ދުވެވަޑައިގެންނެވިއެވެ. އެ ހިތްދަތި އުނދަގޫ ދަތި ވަގުތުގައިވެސް، އެކަމަނާ ކީރިތި މާތްﷲ އަށް ކުރައްވާ އިތުބާރާ ޔަޤީންކަމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހާޖަރު ގެފާނުގެ މިޢަމަލަކީ މިއުންމަތުގެ ހައްޖާއި ޢުމްރާގެ އަޅުކަމުގެ ރުކުނެއް ކަމުގައިވަނީ ލައްވާފައެވެ.
ދަންނާށެވެ. މާތްﷲ އަށް ހުރިހާ ކަމެއްގައިވެސް ވަކީލްކޮށް މަސައްކަތް ކުރާ އަޅުންނަށް އެކަލާނގެ ނިޢްމަތްތައް ހީނުކުރާ ގޮތްގޮތަށް މެދުވެރިކުރައްވައެވެ. އާދޭހެވެ. ހާޖަރުގެފާނާއި އިސްމާޢީލް ގެފާނު މިހާލުކޮޅުގައިވަނިކޮށް، އޯގާވަންތަ އިލާހުގެ ރަޙްމަތް ތަނަވަސް ކުރެއްވިއެވެ. އިސްމާޢީލް ގެފާނުގެ ފައިންޕުޅު ޖެހުނު ބިމުގެ ސަރަހައްދުން ފެން އާރެއް މާތްﷲ ނެރުއްވަވައި އެފެނުގެ ބަރަކާތް ލެއްވިއެވެ. އެއީ މިއަދާ ހަމައަށްވެސް އެ ނިޢުމަތެއް ލިބެމުންދާ ބަރަކާތްތެރި ޒަމްޒަމް ފެނެވެ.
ނިކަން ދެކިބަލާށެވެ. އަނބި ކަބަލުންނާ ދަރިކަލުން އެ ހަނަފަސް ބިމަށް މާތްﷲ ގެ އަމުރުފުޅަށް ދޫކުރައްވާ ވަޑައިގަތުމަށް އިބްރާހީމް ގެފާނު އެދެއްކެވި ހިތްވަރުފުޅަކީ އަހަރެމެންނަށް އެކަންކަމަށް ހިތްވަރާ ކެތްތެރިކަން ލިބޭނެފަދަ ކަމެއްހެއްޔެވެ. އަދި ހާޖަރު ގެފާނަށް އެއީ މާތްﷲ ގެ ނިޔާކަން އެނގުމުން އެކަލާނގެއަށް އެކުރެއްވި އިތުބާރާ ޔަޤީން ކަމަކީ އަހުރެމެންނަށް ހުރި ބޮޑުވެގެންވާ މިސާލެކެވެ.