twitterviber whatsapp telegramfacebookyoutube instagram
20th April 2024

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަނީ، އެންމެ ރަނގަޅު ޑިޒައިނަށް ދެލައްކަ ރުފިޔާ

ޚަދީޖާ އާދަމް
Jun 27, 2022

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް، ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފި އެވެ.

އެ އިދާރާއިން މިއަދު ވަނީ އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އިއުލާންކޮށްފަ އެވެ. އައިޑީ ކާޑު އެންމެ ފުރިހަމަ އަށް ޑިޒައިންކުރާ ފަރާތަކަށްވަނީ 200،000 ރުފިޔާގެ އިނާމެއްވެސް ހުށައަޅާފައެވެ.

އެ ކާޑު ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޑީއެންއާރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. އައިޑީ ކާޑު ޑިޒައިން ކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށް ފަހު ކަމަށް އިއުލާނުގައި ވެ އެވެ.

އައިޑީ ކާޑު ޑިޒައިންކުރާ ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ލިބޭނެ ކަމަށާއި، އެ ޑިޕާޓްމަންޓުން ބުނިގޮތުގައި، ހުށަހަޅާ ޑިޒައިންތައް ރަސްމީކޮށް އާންމުކޮށް، އެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ވެސް ދައްކާލާނެ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އަދި އެންމެ ފުރިހަމަ އަށް ފަރުމާކުރި ފަރާތް ހޮވުން އޮންނާނީ އަންނަ އޮގަސްޓް މަހު އެވެ.

ޑީއެންއާރުން އައިޑީކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވާއިރު، އެއީ މިދިޔަ ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވި، ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓިޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑުކޮށް، އާ ނަމްބަރިން ސިސްޓަމަކާ އެކު ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީ އަދި ޑީއެންއާރު ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355