twitterviber whatsapp telegramfacebookyoutube instagram
17th August 2022

އުޘްމާން ގެފާނު: ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި 10 ސަޙާބީންގެ ތެރެއިން

ހ.މ
Jun 30, 2022

މައްކާގެ ޤުރައިޝް ވަންހާއަށް ނިސްބަތްވެ ވަޑައިގަންނަވާ ކީރިތި ރަސޫލާގެ މި މާތް ސަޙާބީގެ ނަމަކީ އުޘްމާން ބުނު ޢައްފާން ރަޟިޔަﷲ ޢަންޙާއެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިގެ 47 އަހަރު ކުރިން މައްކާގައެވެ. އެކަލޭގެފާނަށް ދެނޫރުގެ ވެރިޔާގެ ލަޤަބުވެއެވެ. އެއީ އެކަލޭގެފާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދެދަރިކަބަލުންނާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިވަޑައިގަތުމުންނެވެ.

މާތް ސަޙާބީ އަބޫބަކުރު ގެފާނު ފަދައިން އުޘްމާން ގެފާނަކީވެސް ދުވަހަކުވެސް ބުދަކަށް ސަޖިދަ ނުކުރައްވާ ހުރިހާ ގޮތަކުންވެސް ޢިއްފަތްތެރި ބޭކަލެކެވެ. ރިވެތި ޚުލްޤެއް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅާ ބެހޭގޮތުން ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަތް ޙަދީސް ކުރެއްވި ކަމަށް އައިސްފައިވެއެވެ. ތިމަންކަލޭގެފާނުގެ އަސްހާބުންގެ ތެރެއިން އަޚްލާޤުގެ ގޮތުން ތިމަންކަލޭގެފާނާއި އެންމެ ގާތް ބޭކަލަކީ އުޘްމާން ގެފާނެވެ. އުޘްމާން ގެފާނަކީ ތަނަވަސް ވިޔަފާރިވެރި އެކެވެ.

މުސްލިމުންގެ ބޭނުންތަކަށް ހިފެހެއްޓުމެއްނެތި ހޭދަކުރެއްވި ދީލަތި ނަމޫނާ ބޭކަލެކެވެ. އެކަލޭގެފާނުގެ ދީލަތިކަން އެތައް ގޮތަކުން މުސްލިމުންނަށް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި:-

1. މުސްލިމުން މަދީނާއަށް ހިޖުރަ ކުރިއިރު، ސާފު ބޯފެން ލިބުން ވަރަށް ދައްޗެވެ. އަދި ފެންލިބެން ހުރި ހަމައެކަނި ވަޅު ނިސްބަތްވަނީ ޣައިރު މުސްލިމަކަށެވެ. އަގަކަށް މެނުވީ އެވަޅުން ފެނެއް ނުލިބެއެވެ. އެ ހިނދު އުޘްމާން ގެފާނު އެކަލޭގެފާނުގެ ފައިސާއިން އެވަޅު ގަނެ މުސްލިމުންނަށް ހަދިޔާ ކުރެއްވިއެވެ.

2. މުސްލިމުން އަޅުކަން ކުރަމުން އައި މަސްޖިދުއް ނަބަވީގެ ބިން ކުޑަވެ ދަތިވި ހިނދު، އެ މިސްކިތާ އިންވެގެން އޮތް ބިން އެކަލޭގެފާނު ބޮޑު ހޭދައެއް ބައްލަވައިގަނެ އެތަން މިސްކިތުގެ ބައެއްގެ ގޮތުގައި ހަދާ މިސްކިތް ބޮޑުކުރެއްވި ކަމަށްވެއެވެ.

3. ކޮންމެ ހުކުރު ދުވަހެއްގައި އެކަލޭގެފާނުގެ ފައިސާއިން އަޅުން ގަނެ މިނިވަން ކުރައްވާ ކަމުގައިވެއެވެ.

4. ތަބޫކު ހަނގުރާމައިގައި، ހަނގުރާމައަށް އެކަލޭގެފާނުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކުރެއްވި އެވެ.

އުޘްމާން ގެފާނަކީ އިސްލާމީ އުއްމަތުގެ 3 ވަނަ ޚަލީފާއެވެ. އެކަލޭގެފާނުގެ ޚަލީފާ ކަމުގައި ކީރިތި ޤުރުއާން އެއް ޙަރުފަކަށް ލިޔެ ޢާންމު ކުރެވުނެވެ. އަދި އޭގެ ކޮޕީ ހަދައި އިސްލާމް ދީނުގެ ޙިދާޔަތް ދަށުގައިވާ ޤައުމުތަކަށް ފޮނުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ 146 ޙަދީސް އެކަލޭގެފާނުގެ ފަރާތުން އައިސްފައިވެއެވެ. އެކަލޭގެފާނު އަވަހާރަވީ ޢުމުރުފުޅުން 83 ގައި ހިޖުރައިން 35 ވަނަ އަހަރުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355