އަޞްހާ އީދާ ދިމާކޮށް ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އިން އިިންތިޒާމުކޮށްގެން ބޭއްވި ބީޗް ޗެލެންޖުގެ ޗެމްޕިއަންކަން އެފްސީ ބޭލާއިން ހޯދިއިރު ބީޗް ޗެލެންޖުގެ ކިންގްކަން އިބްރާހިމް ހުސެއިން (މައްލެ) ހޯދައިފި އެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ބޭލާއިން ހޯދީ ފައިނަލުގައި ޓީމް އުދުހޭ ބަލިކޮށެވެ. ފައިނަލް މެޗު ބޭލާއިން ކާމިޔާބުކުރީ 3 - 1 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޭލާއިންނެވެ. 3 ވަނަ މިނެޓުގައި މައްލެ މިލަނޑު ޖަހައިދިންއިރު ބޭލާއިން ލީޑު ފުޅާކުރީ 10 ވަނަ މިނެޓުގައި ޖޯޒީ ނަމްބަރު 88 މުއާވިޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އުދުހޭގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ޖޯޒީ ނަމްބަރު 27 ސާހިދު މުހައްމަދު (ސާއްޓެ) އެވެ. މެޗުގައި ބޭލާގެ ފަހު ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ 2 ވަނަ ލަނޑުވެސް ޖަހައިދިން މުއާވިޒް އެވެ.
މުބާރާތުގައި މައްލެގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އަދި ހަމައެއާއެކު ބޭލާގެ މުއާވިޒްގެ ފަރާތުން ވެސް ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އަދި އުދުހޭގެ ހުސެއިން އަހްމަދު (ބޮކްސް) އަކީ ވެސް މި ބީޗް ޗެލެންޖުގައި ވަރަށް ވިދާލި ކުޅުންތެރިއެކެވެ.
އުދުހޭ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން ކުޅުދުއްފުށި ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ޓީމު ކަމަށްވާ މަގުލަސް ބަލިކޮށެވެ. މިމެޗު އުދުހޭއިން ކާމިޔާބުކުރީ ޕެނަލްޓީގައި 6 - 5 ން މަގުލަހުގެ މައްޗަށް ކުރިހޯދައިގެންނެވެ.
ބޭލާ ފައިނަލަށް ދަތުރުކުރީ 3 - 2 ން ނަލަ ނަލަ ވިކާ ވިކާ ބަލިކޮށެވެ. އުދުހޭއިން މިމުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުދުއްފުށީގެ ފުޓްބޯޅަ އަދި ފުޓްސަލްގެ އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ އެއް ޓީމުކަމަށްވާ ޓީމް ބަރާބަރު ބަލިކޮށްފަ އެވެ.
ބަރާބަރު ޓީމުގައި ޓެކާސްއިން އެންމެފަހުން ބޭއްވި މޯލްޑިވްސް ކަޕުގެ ކިންގް އަހްމަދު ދާއޫދު (ޑޭވިޑް) ވެސް ހިމެނެ އެވެ. ބޭލާއިން ސެމީއަށް ދަތުރުކުރީ ޒުވާން ސްކޮޑެއްގެ މައްޗަށް އެކުލެވޭ ވޮރިއާސް އެފްސީ ބަލިކޮށެވެ. ވޮރިއާސް އެފްސީން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ 18 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
މުބާރާތުގެ ޓޯޕް ސްކޯރާއަކަށް ހޮވުނީ އެފްސީ ބޭލާގެ ޖޯޒީ ނަމްބަރު 88 މުއާވިޒް އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްފަ އެވެ. ކިންގް އޮފް ދަ ޓޯނަމެންޓަށް މައްލެ ހޮވުނުއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މައްލެއާއި މުއާވިޒްގެ އިތުރުން އުދުހޭގެ ބޮކްސް، ކައުބް އަދި މަގުލަސްގެ ޒިންދި އެވެ.