twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެސޯސިއޭޝަން ޗެމްޕިއަންޝިޕުން ކުޅުދުއްފުއްޓަށް ރަންވަނަތަކެއް، 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން!

މުޙައްމަދު އަހުމަދު
Sep 4, 2022
1

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެންމެ މޮޅެތި އެތްލީޓުން ފަހަތަށް ޖައްސާލާ ކުޅުދުއްފުށީގެ އެތްލީޓުން ރަންވަނަތަކެއް ހާސިލްކޮށްފި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެންމެ މޮޅެތި އެތްލީޓުންނާ ވާދަކޮށް ކުޅުދުއްފުށީގެ އެތްލީޓުން ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން ކުޅުދުއްފުށިން ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލާނަމެވެ.

15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން:

15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ވެސް ހޯދީ ކުޅުދުއްފުށިންނެވެ. 15 އަހަރުން ދަށުގެ ބައިން ގިނަ އިވެންޓްތަކުން އިންޑިވިޖުއަލީ ވެސް ކުޅުދުއްފުށީގެ އެތްލީޓުން ވަނީ ރަންވަނަތަކެއް ހާސިލްކޮށް ރަށަށް ރީތިނަން ހޯދާދީފަ އެވެ.

އެގޮތުން ހަނާން ހަސަން ވަނީ 100 މީޓަރު ދުވުމުން ލޯ މެޑަލް، 200 މީޓަރު ދުވުމުން ރިހި މެޑަލް އަދި ލޯންގް ޖަމްޕުން ވެސް ރިހި މެޑަލް ހާސިލްކޮށްފަ އެވެ. 800 މީޓަރުން އަރޫމާ އިބްރާހިމް ހަސަން ލޯ މެޑަލް ހާސިލްކުރިއިރު 1500 މީޓަރުން އަފާފް އަބޫބަކުރު 4 ވަނަ ހާސިލްކުރި އެވެ. މިއިވެންޓުން އަރޫމާ ދިޔައީ 5 ވަނަ އަށެވެ. 800 މީޓަރުން އަފާފް ވަނީ 5 ވަނަ ހޯދާފަ އެވެ.

ލޯންގް ޖަމްޕުން 5 ވަނަ މަރިޔަމް މީސާ މުޖުތަބާ ހޯދިއިރު ރާހާ އަބްދުއްރައްޒާގް ވަނީ ޝޮޓްޕުޓާއި ޑިސްކަސް ތްރޯއިން 4 ވަނައަށް ގޮސްފަ އެވެ. ޑިސްކަސް ތްރޯއިން އަރޫމާ ވަނީ 5 ވަނަ ހޯދާފަ އެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ މެޑްލީ ރިލޭއިން ކުޅުދުއްފުށި ލޯ މެޑަލް ހާސިލްކުރި އެވެ. މިރިލޭގައި ކުޅުދުއްފުށިން ދުވި އެތްލީޓުންނަކީ އަފާފް އަބޫބަކުރާއި، މަލާކް މުހައްމަދު އަދި ހަނާންއާއި މީސާ އެވެ.

އަންހެން ކުދިންގެ ބައިން ކުޅުދުއްފުށިން ވަނީ މީޓް ރެކޯޑެއް ވެސް ހަދާފަ އެވެ. އެއީ ރާހާއާއި މީސާ އަދި މަލާކްއާއި ހަނާން ހިމެނުނު 4 ގުނަ 100 މީޓަރު ރިލޭއިން ރަން މެޑަލް ހާސިލްކޮށްގެންނެވެ.

15 އަހަރުން ދަށުގެ ފިރިހެން:

15 އަހަރުން ދަށުގެ ޗެމްޕިއަންކަން ނުލިބުނު ނަމަވެސް ގިނަ އެތްލީޓުންތަކެއް ރަންވަނަތަކެއް ހާސިލްކުރި އެވެ. އެގޮތުން ސުޒާން އަލީ ވަނީ 100 މީޓަރުގެ ލޯ މެޑަލް އަދި 200 މީޓަރުގެ ރިހި މެޑަލް ހޯދާފަ އެވެ. އޭނާ ވަނީ ލޯންގް ޖަމްޕު މީޓް ރެކޯޑް މުގުރާލާ އެއިވެންޓުން ރަން މެޑަލް ވެސް ހޯދާފަ އެވެ.

4 ގުނަ 100 މީޓަރު އަދި މެޑްލީ ރިލޭއިން ފިރިހެން ޓީމު ލޯ މެޑަލް ހާސިލްކުރި އެވެ. މިދެރިލޭގައި ހިމެނުނު އެތްލީޓުންނަކީ ސިޒާން އަލީއާއި އަހްސަން އަބޫބަކުރުގެ އިތުރުން މާހިލްއާއި ގޮޑާ މުސްތަފާ އެވެ. އަހްސަން ވަނީ 1500 މީޓަރު ދިގު ދުވުމުން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

މިފަހަރުގެ މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އޯޕަން އިވެންޓްގައި ކުޅުދުއްފުށީގެ އެތްލީޓް އަހްނާ ނިޒާރު ހޯދި ކާމިޔާބީ އެވެ. އަހްނާ ވަނީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލު ކުރި ގިނަ އެތްލީޓުން ތަކެއް ފަހަތަށް ޖައްސާލުމަށްފަހު މުޅި ރާއްޖޭގެ ދެވަނަ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އެގޮތުން އަހްނާ ވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އާއިޝަތު ހިމްނާ ހަސަންގެ ފަހަތުން ވިއްދާ 100 މީޓަރާއި 200 މީޓަރު ސްޕްރިންޓްގެ ރިހި މެޑަލް ހާސިލްކޮށް މުޅި ކުޅުދުއްފުއްޓަށް ރީތި ނަން ހޯދާދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355