ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖައްސާފައިވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތާއި އިންޓަރ ސްކޫލް ފުޓް ބޯޅަ މުބާރާތް އަންނަ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން، ކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައި މޭ މަހު 20-28 އަށް ބާއްވަން ކަލަންޑަރ ކޮށްފައިވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތާއި ޖޫން މަހު 03-11 އަށް ބާއްވަން ކަލަންޑަރ ކޮށްފައިވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ފަސްކުރީ ސްކޫލްތަކުގެ އެދުމުގެ މަތިން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވަން ހަމަޖެހިފައިވާ މި ދެ މުބާރާތް ފަސްކުރީ ސްކޫލް ބަންދާ ދިމާވެ އަދި ޓެސްޓް އޮންނަ ދުވަސްވަރާ އެދުވަސްތައް ދިމާވާތީ ކަމަކަށް ކައުންސިލް މެމްބަރު އިތުރަށް ވިދާޅުވި އެވެ.
ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ ކައުންސިލުން ކަލަންޑަރކޮށްފައިވާ ސްކޫލް ނެޓްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް ސްކޫލުތަކާއި މަޝްވަރާކުރުމަށްފަހު މިހާރު އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައި ކަމަށެވެ.
ކީ ސްޓޭޖް 3 އަދި 4 ދަރިވަރުންނަށް ކުޅެވޭގޮތައް ހަމަޖެހިފައިވާ މި ދެ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ އެކީގަ އެވެ.
މިއީ ސިޓީ ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން މި ގޮތަށްބާއްވާ ފުރަތަމަ ސްކޫލުތަކުގެ މުބާރާތެވެ.