މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު 65 އުޅަނދު ބަނުމަށް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކޮންޓްރެކްޓަރުންނާ ހަވާލުކުރާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލްގެ ފެރީގެ ހިދުމަތް ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި މިހާރު ފަށާފައިވާތީ އިތުރު ޒޯންތަކުގައި ވެސް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އިތުރު ޒޯންތަކުގައި ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ބަނުމަށް ބަޔަކާ ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމުގައި ވިދާޅުވި އެވެ.
"އިތުރު 65 ފެރީ ބަނުމުގެ މަސައްކަތުގައި ސޮއިކުރާ ހިސާބަށް މިވަނީ ގޮސްފައި. ފެށޭ ހަފްތާގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭ" އާޒިމް ވިދާޅުވި އެވެ.
ގައުމީ ފެރީ ނިޒާމު ނުވަތަ އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12 ވަނަ ދުވަހު އެވެ. މިހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. އޭގެފަހުން ހއ. އަތޮޅުގައި ފެށުމަށްފަހު މިމަހުގެ ތެރޭގައި ވަނީ ށ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ފަށާފަ އެވެ.
ޒޯން އެކެއްގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންދަނީ 30 ނޮޓްގެ ބާރުމިނުގައި ދަތުރުކުރާ 17 ފެރީ ބޭނުންކުރަމުންނެވެ. މިއުޅަނދުތައް ބަނދެފަވަނީ ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގަ އެވެ.
އާޒިމް ވިދާޅުވީ ފެރީގެ ނިޒާމު ފުރަތަމަ ފެށިއިރު ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް ހިދުމަތް ފެށި ފަހުން ލިބުނު ތަޖުރިބާއާ އެކު ވަރަށް ގިނަ ކަންކަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.
އާރްޓީއެލްގެ އެޕްލިކޭޝަނާއި ވެބްސައިޓްގައިވާ ޕޯޓަލްގެ ތެރެއިން ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ. އަދި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފެރީތަކުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.
އާރްޓީއެލްގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.