ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ސްކީމުން ހަރަދުކޮށްގެން ފަރުވާ ދެވޭނެ ގޮތްތައް ހަމަޖެއްސުމަށް ގޮވާލައި ރައްޔިތުންގެ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެ ގަރާރު ރައްޔިތުންގެ މަޖިލީގުގެ ތަޅުމުން ބަލައިގަތީ މެމްބަރުންގެ 45 ވޯޓާއެކު އެވެ. އަދ އެ ގަރާރު އިތުރަށް ދިރާސާކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް އިއްޔެ ފޮނުވި އެވެ.
އެ ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ،
އަދި ރާއްޖޭގައި ހެދިފައިވާ ގާނޫނު އަސާސީގެ ދަށުންނާއި އަދި ސިއްހީ އިންޝުއަރެންސްގެ ނިޒާމުގެ ދަށުން ވެސް ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަސާސީ ސިއްހީ ހިދުމަތް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމްގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އިންތިހާއަށް ހަނިކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެފަދަ ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން އެންމެ އަސާސީ ބޭސްވެސް އާސަންދައިގެ ދަށުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި މި މައިގަނޑު މައްސަލައާ ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތް ހިނދު އިސްވެ ބަޔާން ކުރަނިވި މައްސަލައަށް ހައްލެއް ހޯދުމަށް މި މައްސަލައާ ގުޅޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހަދައި ދަރިމައިވުމުގައި ބޭނުންކުރާ އަސާސީ ބައެއް ބޭސްތައް ފަސޭހައިން ރާއްޖެއަށް ލިބޭނެ ގޮތްތައް ކުރު ރާސްތާގައި އަވަސް ފިޔަވަޅުތައް [އެޅޭން ގޮތް ހަދަން ޖެހޭ" ގަރާރު މަޖިލީހަށް އިއްވަމުން މީކާއީލް ވިދާޅުވި އެވެ.
އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްކުރާ މީހުންނަށް އާސަންދައިގެ ދަށުން ދެވޭނެ ހިދުމަތްތައް ބަލައި ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލާއި މިންގަނޑު ކަނޑައަޅައި އެ މުހިއްމު މައްސަލައަށް ރާއްޖޭގެ އިގުތިސޯދީ ފެންވަރުގައި އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް މީކާއިލް ގޮވާލެއްވި އެވެ.