twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޢުމަރުގެފާނުގެ ހެޔޮކަމާ އިޙުސާންތެރިކަން ފެންނަ ރީތި ވާހަކައެއް

ހ.މ
Sep 23, 2022

ޢުމަރު ގެފާނަކީ އިސްލާމީ އުންމަތުގެ 2 ވަނަ ޚަލީފާއެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި ރޭގަނޑު ރަށު ތެރޭގައި އަބަދުވެސް އެއްވެސް ބޭނުމެއް ޖެހިގެން އުޅޭ މީހެއްވޭތޯ ބެލުމަށް ހިންގަވައި ކަމުގައިވެއެވެ. މިގޮތުން ވަރަށްގިނަ މީހުންނަށް ހެޔޮ ފޯރުވައިދީ އުޅުނެވެ. މިއީ އެކަލޭގެފާނުގެ ހެޔޮކަމާ އިޙުސާންތެރިކަން ފެންނަ ރީތި ވާހަކައެކެވެ.

އެއްދުވަހަކު ޢުމަރުގެފާނާއި އެކަލޭގެފާނު މިނިވަން ކޮށްފައިވާ އަޅެއްކަމުގައިވާ އަސްލަމް މަދީނާއިން ބޭރަށް ނުކުތެވެ. އެދެބޭކަލުންނަށް އަލިފާން ޖަހާފައިހުރި ތަނެއް ފެނުނެވެ. އެތަނުން އެ ދެބޭކަލުންނަށް ފެނުނީ އަންހެނަކު އޭނާގެ ޅަދަރިންނާ އެކުގައި ތިއްބައެވެ.

ތެއްޔެއް އުނދުންމަތީގައި އުދާފައި ހުއްޓެވެ. އެކުޑަ ކުޑަ ކުދިންތައް ރޮނީއެވެ. ޢުމަރުގެފާނު އެކަނބުލޭގެއަށް ސަލާމް ގޮވާލައި ކައިރިވުމަށް އިޒުނައަށް އެދުނެވެ. އެކަމަނާ ދެންނެވިއެވެ.

"ހެޔޮކަމަކައިގެން ކައިރިނުވާނަމަ އެނބުރިވަޑައިގަންނަވާށެވެ". ދެން އެދެބޭކަލުން ކައިރިވިއެވެ. ޢުމަރުގެފާނު ސުވާލު ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ޙާލަކީ ކޮބައިތޯއެވެ؟ ، ތެލީގައި މިހުރީ ކޮން އެއްޗެއްތޯއެވެ؟ ކުދިންތައް ރޮނީ ކީއްވެތޯއެވެ؟" އެކަމަނާ ދެންނެވިއެވެ. "ތިމަންމެންގެ މައްޗަށް ރޭގަނޑާއި ފިނިކަން ވެރިވެއްޖެއެވެ. ކުދިންތައް މިރޮނީ ބަނޑުހައިހޫނު ވެގެންނެވެ. ތެލީގައި އެހުރީ، މިކުދިންތައް ނިދަންދެން ރުއްސުމަށް އުދާފައިހުރި ފެން އެއްޗެކެވެ." އަދި ދެންނެވިއެވެ. "ﷲ ގަންދީފައި ބުނަމެވެ.

ތިމަންމެނާ ދެމެދުގައިވަނީ ޢުމަރުގެފާނެވެ." ޢުމަރުގެފާނު ދެންނެވިއެވެ. "މާތް ﷲ ކަނބުލޭގެއަށް ރަޙްމަތް ލައްވާނެތެވެ. ތިޔަބައިމީހުންގެ ޙާލު ޢުމަރުގެފާނަށް އެނގިވަޑައިގަންނަވާނީ ކިހިނެއް ހެއްޔެވެ؟" ދެންނެވިއެވެ. "ތިމަންމެންގެ ވެރިއެއްގެ ގޮތުގައި ޢުމަރުގެފާނު ހުންނަވައި ތިމަންމެންނާމެދު ޢާފިލުވަނީ ހެއްޔެވެ؟"

ޢުމަރުގެފާނު ވަރަށް ހަލުވިކޮށް ގޮދަން ރައްކާކުރާތަނަށް ވަޑައިގެން، ސަވާރީއެއްގެ އެއްފަރާތަށް ލެވޭވަރުގެ ގޮދަނާއި، ތެޔޮ ހިއްޕަވައިގެން ނުކުންނެވިއެވެ. އަދި ވިދާޅުވިއެވެ. "ތިމަންގެ ކޮނޑަށް އުފުލައިދޭށެވެ!" އަސްލަމް ވިދާޅުވިއެވެ. "ތިމަން ގެންގޮސްދީފާނަމެވެ." ވިދާޅުވިއެވެ. "ޤިޔާމަތް ދުވަހުން ތިމަންގެ ފާފަތައް ތިބާ އުފުލައިދޭނުތޯއެވެ؟" ދެން އަސްލަމް އެކަލޭގެފާނުގެ ކޮނޑުފުޅަށް އެއެއްޗެހި އުފުލައިދިނުމުން ވަޑައިގެންނެވިއެވެ.

އަންހެން މީހާ ހުރިތަނަށް ދެވުމުން، ގޮދަންކޮޅެއް ނަންގަވައި ޢުމަރުގެފާނު އެކަނބުލޭގެއަށް ދެންނެވިއެވެ. ތިމަންނައަށް ފެން އަޅައި ދެއްވާށެވެ. ތިމަންކަލޭގެފާނު ގޮދަންއެތި މޮޑެދެއްވާނަމެވެ. އޭގެ ފަހުގައި އެކަލޭގެފާނު ތެލީގެ ދަށުން އަލިފާންގަނޑަށް ފުންމަވައި ހެއްދިވެއެވެ. އެތަކެތި ރޯފިލުމުން އަލިފާންގަނޑުން ނަގައި، އެކަމަނާއަށް ދެންނެވިއެވެ. ކާއެއްޗެހި އަޅަން އެއްޗެއް ގެނެސްދެއްވާށެވެ.

އެކަނބުލޭގެ ދޮލަނގެއް ގެނައެވެ. އެއަށް ކާއެއްޗެހި އެޅުއްވުމަށްފަހު ދެންނެވިއެވެ. އެކުދިންނަށް ކާންދޭށެވެ. ތިމަންކަލޭގެފާނު ކާއެއްޗެހި އަޅުއްވައި ދެއްވާނަމެވެ. މިގޮތުގެ މަތިން އެކުދިން ބަނޑުފުރެންދެން ޢުމަރުގެފާނު ކަންތައް ކުރެއްވިއެވެ. އެކުދިން ބަނޑު ފުރުމުން، ބާކީ ހުރި ކާއެއްޗެހި އެއަންހެން މީހާގެ ކައިރީގައި ބެހެއްޓުމަށްފަހު އެކަލޭގެފާނު ތެދުވެވަޑައިގަތެވެ.

އެހިނދު އެ އަންހެންމީހާ ދަންނަވަމުން ގެންދެވިއެވެ. "الله ތިބާއަށް ހެޔޮޖަޒާ ދެއްވާށިއެވެ! އަމީރުލް މުއުމިނީން ޢުމަރުގެފާނަށް ވުރެ ތިބާ ވެރިކަމަށް މާ އައުލާވެގެންވެއެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. "އަމީރުލް މުއުމިނީން ވަޑައިގެންފިނަމަ ހެޔޮބަހެއް ކަނބުލޭގެ ބުނާށެވެ!"

އެކަލޭގެފާނު އެތަނުން އެއްފަރާތަށް ޖެހިލައި މަޑުކޮށްލިއެވެ. އަދި ދެންނެވިއެވެ. "އޭ އަސްލަމެވެ! ބަނޑުހައިހޫނުކަން އެބައިމީހުން ނިދިޔަކަނުދީ ހިފަހައްޓައި، އެކުދިން ރޮއްވައިފިއެވެ. ތިމަން ކަލޭގެފާނަށް މި ފެނިވަޑައިގެންނެވި ތަން (އެބަހީ؛ ހަމަޖެހިގެން އެކުދިން ނިދާފައި ތިބިތަން( ދެކެފައި ނޫނީ ނުދިޔުމަށް ތިމަން ލޯބިކުރީމެވެ."

ނޯޓް: މިވާހަކައިގެ މަޢްލޫމާތު ނަގާފައިވަނީ، އައްޝައިޚް މުޙައްމަދު ސިނާން ލިޔުއްވާފައިވާ "މީސްތަކުންނަށް ހެޔޮ ފޯރުކޮށްދޭށެވެ" މިފޮތުންނެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355