twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކޭއާރުއެޗުގެ ކަށީގެ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތައް ހޯދުމަށް ބަޔަކާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 25, 2022
2

ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކޭއާރުއެޗުގެ ފަރާތުން މި އެއްބަސްވުމުގެ ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދެވެ. ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ރަޝީދެވެ.

4.9 މިލިއަން ރުފިޔާގެ ޓްރޯމާ އިމްޕްލާންޓްސްގެ މި އެއްބަސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޭއާރުއެޗުގެ ޑީސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، ފާއިތުވެދިޔަ އަހަރު އެ ހޮސްޕިޓަލުން 38 މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވިއިރު އެތަނުން 22 އިންސައްތަ މީހުންނަކީ ކަށީގެ ތަފާތު އެކި މައްސަލަތަކުގެ ފޮނުވާލަން ޖެހުނު މީހުން ކަމަށެވެ.

މިއަހަރުގެ މިހާތަނަށް މިފަދަ ތަފާތު 18 މީހަކު ފަރުވާއަށް މާލެ ފޮނުވާލަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. ޑޭވިޑް ވިދާޅުވީ، ހިތުގެ މައްސަލަތައް ނަގާފައި އެންމެ ގިނައިން އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހެނީ ކަށީގެ ތަފާތު މައްސަލަތަކުގައި ކަމަށެވެ.

އެހެންކަމުން މި އެއްބަސްވުމާއެކު ކަށީގެ މައްސަލަތަކުގައި އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން މަދުކުރެވި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިގެންދާނެކަމަށް ޑޭވިޑް ފާހަގަކުރެއްވި އެވެ.

މީގެ ކުރިން މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތައް ހޯދަނީ އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިގެންނެވެ.

އެގޮތުން އޮކްޓޫބަރު 2020 އިން ފެށިގެން ތިން ފަހަރެއްގެ މަތިން ސާޖަރީއަށް ބޭނުންވާ ސާމާނު ގެނެސް 8 ސާޖަރީއެއް ހެދިފައިވާ ކަމަށް މައުލޫމާތު ލިބެއެެވެ. އަދި 2021 ވަނަ އަހަރު ހޯދުނު ޑްރިލްއާއެކު ކޭ ވަޔާ ފިކްސޭޝަންގެ 60 އަށް ވުރެ ގިނަ ކޭސަސް ހެދިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އަދި މި ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަށީގެ ޑޮކްޓަރުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 150 އަށް ވުރެ ގިނަ އޮޕަރޭޝަން ކޮށްފައެވެ.

މި ނޫހަށް މައުލޫމާތު ދެމުން ޑޭވިޑް ވިދާޅުވި ގޮތުގައި މި ސޮއި ކުރެވުނު އެގްރީމެންޓާއެކު ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހަށް މެނޭޖް ކުރެވޭނެ ކަމަށާއި ހުސްވާ ތަކެތި ހޯދުމަށް އަހަރެއްގެ މައްޗަށް ހަރަދު ވާނެ ކަމަށް ލަފާ ކުރެވެނީ 1 ލައްކަ އާއި 2 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

އިތުރަށް މައުލޫމާތު ދެމުން ހާމަކުރި ގޮތުގައި ހިދުމަތެއް ފެށުމަށް ވުރެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ކުރަން އޮތް އެންމެ ބޮޑު މަސައްކަތް ކަން ފާހަގަ ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355