ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ހާއްސަކުރައްވާފައި ވަނީ، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށެވެ.
މިއުވާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.
އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކާއި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ ތަފާސް ހިސާބު މައުލޫމާތުތައް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ހިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫއުތަކުގެ ތަފާސް ހިސާބު މައުލޫމާތުތައް މިއްވާން ނޫސްވެރިންނާ ހިއްސާ ކުރެއްވިއެވެ.
ކުރިއަށް އޮތް ހަފްތާ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ގުޅިގެން ބާއްވާ އެކި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމާއި، އެގޮތުން ފަތުރުވެރިކަމުގެ އެޕްރިސިއޭޝަން ނައިޓްގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވާކަމުގައި މިޢްވާން ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި، ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ ގޮތުންނާއި، އަދި އެހެން ދާއިރާތަކުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވަނީ ޖަވާބު ދެއްވާފައެވެ.