ފާރޮށި އިންޓަރ އޮފީސް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ކޭސީޕީއާއި ސީކޭއާރުއެޗު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
އިއްޔެ ހަވީރު ކޮރަލް ދަނޑުގައި ކުޅެވުނު މިމެޗު ނިމުނީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ. ވާދަވެރި މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.
މިމެޗުގައި ފުރަތަމަ ލީޑު ނަގާ ލަނޑު ޖެހީ ކޭއާރުއެޗުންނެވެ. 22 ވަނަ މިނެޓުގައި އެޓީމުގެ އަހްމަދު އާދަމް ކޭއާރުއެޗަށް ލީޑު ނަގައިދިނެވެ. ފުރަތަމަ ހާފު ކޭއާރުއެޗު ކުރީގައި އޮވެ ނިމުނުކަމުގައިވިއަސް ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އަހްމަދު ޒާހިރު ވަނީ ޕޮލިހަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭސީޕީގެ ހުސެއިން މުހައްމަދު (ޕޮލީ) އެވެ. އޭނާ ވަނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.
ކޭސީޕީން ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކުރިއިރު 1 މެޗުންވީ އެއްވަރެވެ. ކޭއާރުއެޗުން ދެމެޗުން އެއްވަރުވިއިރު 1 މެޗުން ވަނީ މޮޅުވެފަ އެވެ. މާދަމާ މިމުބާރާތުގެ ފައިނަލް ކުޅެވޭއިރު މިމެޗުގައި ވެސް ބައްދަލުކުރާނީ ސީކޭއާރުއެޗާއި ކޭސީޕީ އެވެ.
މިމެޗު ކުޅެވޭނީ މާދަމާ ހަވީރު 4 ޖަހާއިރު ކޮރަލް ދަނޑުގަ އެވެ.