މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ މާތް ސަޙާބީންނަކީ، އެކަލޭގެފާނަށްފަހު އެންމެ ޚުލްޤުހެޔޮ ތަޤުވާވެރި ބޭކަލުންނެވެ. އެކަލޭގެފާނުގެ މާތް ސަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢުމަރުގެފާނަކީވެސް ތަޤުވާވެރި ބޭކަލެކެވެ. މިއީ އެކަލޭގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ހިނގާފައިވާ ހާދިސާއެކެވެ.
ޢުމަރުގެފާނުގެ ޚިލާފަތުގައި ރޭގަނޑުގެ ވަގުތުގައި ރަށު ތެރޭގައި ކަމަކަށް ބޭނުންވެފައިވާ ދެރަ ނިކަމެތީންގެ ހާލަތު ބެއްލެވުމަށް ހިންގެވުމަކީ އާދައެކެވެ. އެފަދަ މީހުންގެ ހާލަތު ބަލައި، ބޭނުންތައް ފުއްދައި ދިނުމަކީ އެކަލޭގެފާނު ކުރައްވަމުން ގެންދެވި މަތިވެރި ޚިދުމަތެކެވެ.
މިގޮތުން އެއް ރެޔަކު ގެއެއްގެ ކައިރިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، މަންމައަކާއި އޭނާގެ އަންހެން ދަރިޔަކު ކަމަކާ ދެބަސްވެ ވާހަކަ ދައްކާ އަޑު އިވިވަޑައިގަތެވެ. ނިކަމެތި އާއިލާއެކެވެ. ކާއެއްޗެހި ހޯދުމަށް ކުރަމުންދާ މަސައްކަތަކީ ކިރު ވިއްކުމެވެ. ދެބަސްވެގެން މިއުޅެނީ، އެދުވަހުގެ މަސައްކަތުން ލިބިފައިހުރި ކިރު މަދުވެގެން އެއަށް ފެން އެއްކޮށް ގިނަކޮށްގެން ވިއްކުމާ މެދުއެވެ. އެ އަންހެން ކުއްޖާގެ މަންމަ ބުނަނީ ކިރު ފެނަށް އެއްކޮށްގެން ގިނަކޮށްގެން ވިއްކީމާ، ގިނަ ފައިދާވާނެ ކަމަށެވެ. އަދި އެކަން ޚަލީފާއަކަށް އެނގިވަޑައެއް ނުގަންނަވާނެ ކަމަށެވެ.
ނަމަވެސް އެ ދެމެއިންގެ ވާހަކަތައް ކަންތައް ދިމާކުރި ގޮތުން ޢުމަރުގެފާނަށް ރަނގަޅަށް އިވެމުންދިޔައެވެ. އަންހެން މީހާގެ އަންހެން ދަރިފުޅު މަންމައަށް ވިސްނައި ދިނެވެ. ޚަލީފާ ޢުމަރުގެފާނަށް އެކަން އެނގިވަޑައި ނުގަނެދާނެއެވެ. އެހެން ނަމަވެސް ހުރިހާކަމެއް ދެނެވޮޑިގެންވާ މާތްﷲ ބައްލަވާ ވޮޑިގެންވާކަން މަންމައަށް ހަނދާންކޮށްދިނެވެ. މިވާހަކަތައް އަޑުއަހައި ޢުމަރުގެފާނު، އެ އަންހެން ކުއްޖާގެ ތެދުވެރިކަމާ ތަޤުވާވެރިކަމުގެ މައްޗަށް ޝައުގުވެރިކަން އުފެދުނެވެ. އަދި އެފަދަ ޞާލިޙު އަންހެން ކުދިންގެ ކިބައިން ޞާލިޙް ދަރިން ތަރުބިއްޔަތުވެގެން އަންނާނެ ކަމަށް ވިދާޅުވި އެވެ.
އަނެއް ދުވަހު ޢުމަރުގެފާނު އެގެއަށް ވަޑައިގަތެވެ. އަދި އެ އަންހެން ކުއްޖާގެ މަންމަ ކައިރިން، އެކަލޭގެފާނުގެ ދަރިފުޅަކާއި އެ އަންހެން ކުއްޖާ ކައިވެނި ކުރުމުގެ އިޒުނައަށް އެދުނެވެ. އަދި އެގޮތުގެ މަތިން އެކައިވެނި ކުރެވުނެވެ.
މިކުރުކުރު ހާދިސާއިން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅުތަކުގެ ތެރޭގައި، ކޮންމެ ކަމެއްގައިވެސް މާތްﷲ އަށް ތަޤުވާވެރިވުމުގެ މުހިންމުކަންވެއެވެ. އަދި ކިތަންމެ ދަތިހާލެއްގައިވެސް ދެއްވެވި ރިޒުޤަށް ރުހި ގަބޫލުކުރުމުގެ މުހިންމުކަމެވެ. އިންސާނުންގެ ލޯތަކަށް ވަންހަނާވިޔަސް، ތިބާ ކުރާ ކޮންމެ ކަމެއް އަރަހުށި މާތްﷲ ބައްލަވާ ވޮޑިގެންވާކަމެވެ. ހެޔޮގޮތުގައި ހިފަހައްޓައި އެގޮތަށް އަމަލުކުރުމުން އާޚިރުގައި ދެދުނިޔޭންވެސް ލިބޭނީ ކާމިޔާބު ކަމެވެ.