twitterviber whatsapp telegramfacebookyoutube instagram
24th April 2024

މާލެ ސަރަހައްދުން ބޭރުގައި ކުރެވޭ ފުރަތަމަ ލެޕަރޮސްކޯޕިކް އޮޕަރޭޝަންތައް ފެށުމަށް ކޭއާރުއެޗުން ތައްޔާރުވެއްޖެ

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން ކުޅުދުއްފުށީގައި ލެޕަރޮސްކޯޕިކް ސާޖަރީތައް، އަންނަ ނޮވެމްބަރުމަހުގެ 6 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި.

އަބްދުލް ވާހިދު ޙަސަން
Oct 27, 2022

މާލެ ސިޓީ ސަރަހައްދުން ބޭރުގައި ކުރެވޭ ފުރަތަމަ ލެޕަރޮސްކޯޕިކް ސާޖަރީ ފެށުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން ކުޅުދުއްފުށީގައި ލެޕަރޮސްކޯޕިކް ސާޖަރީތައް، އަންނަ ނޮވެމްބަރުމަހުގެ 6 ވަނަ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޭއާރުއެޗުން ބުނީ މިހާރު އެކަމަށް ބޭނުންވާ މެޝިނަރީސް ކުޅުދުއްފުއްޓަށް ގެނެވިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އިންސްޓޮލޭޝަންގެ މަސައްކަތްތައް ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ، މި ހިދުމަތް ކުޅުދުއްފުށީގައި ފަށަނީ، ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ މުހައްމަދު ވަހީދު އަދި ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ޖެނެރަލް ސާރޖަން، ޑރ އަބްދުﷲ ލީޑް ނަންގަވައިގެން ކަމަށެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންދެއްވުމަށް ނޮވެމްބަރުމަހުގެ 6 - 9 އަށް އެ ދެ ބޭފުޅުން ކޭއާރުއެޗުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.

ލެޕަރޮސްކޯޕިކް ސާޖަރީއަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާޖަރީގެ ނަމުންވެސް ނަންދެވިފައިވާ މި އޮޕަރޭޝަންތަކަށްފަހު ބަލި މީހާ ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭ މިންވަރު އަދި ފާރުތައް ފަސޭހަވުމަށް ނަގައި މުއްދަތު، އާންމު އާންމު އޮޕަރޭޝަންތަކާ ބަލާއިރު ބޮޑު ތަނުން ކުޑަކަން ފާހަގަކުރެވެ އެވެ. އެގޮތުން މިފަދަ އޮޕަރޭޝަންތަކަށްފަހު ދުވަހުން ދުވަހަށްވެސް ބަލިމީހާ ހޮސްޕިޓަލުން ޑިސްޗާޖްކުރުވެއެވެ.

ލެޕަރޮސްކޯޕިކް ސާޖަރީތައް އާންމު ގޮތެއްގައި ހެދެނީ އަންހެނުން ދަރިމައިވުމުގެ ނިޒާމު، ގޭސް އަދި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށެވެ. މި ސާޖަރީތަކަކީ ވީހާވެސް ކުޑަކޮށް ހަށިގަނޑު ކަފައިގެން ހަދާ ސާޖަރީތަކެއްކަމުން، ބަލި މީހާ ހޮސްޕިޓަލުގައި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލު ކުރަން ޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު މަދު/ކުޑަ ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލްތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދަކަށްވާއިރު، ލެޕަރޮސްކޯޕިން ސާޖަރީތައް ފެށިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށްކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުންކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެންތަކެއް ހޯދާފައެވެ. މިގޮތުން ޑަކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމްއާރުއައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ހިދުމަތްތައް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކުރެވޭކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355