twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ

ހ.މ
Oct 29, 2022

ގަދަ ކީރިތިވަންތަ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިއެވެ.

".........ފަހެ ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ ރައްކާތެރިވާށެވެ. އެ ނަރަކަޔަކީ، މީހުންނާއި، ހިލަ، އޭގެ ދަރު ކަމުގައިވާ ނަރަކައެވެ. .........."

(ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 24 ވަނަ އާޔަތުން)

ދުނިޔޭގެ ޢަމަލުތައް ހިސާބު ކުރެވި، އެ ހިސާބުން ފެއިލްވާ ފަރާތްތަކަށް އޮތީ ނަރަކައިގެ ވޭންދެނިވި ޢަޒާބެވެ. އެއީ މީގެ ކުރިން އެއްވެސް އެއްޗެއް ދެކެފައި ނުވާފަދަ ގަދަފަދަ ޢަޒާބެކެވެ. އެ ޢަޒާބަށް ކެތް ކުރެވޭނެ ހަމަ އެކަކުވެސް ނުވާނެއެވެ. މިއީ މާތް ﷲގެ ނިޔާފުޅެވެ. އެކަމާ ދެކޮޅު މިއަދު ހެދިޔަސް މާދަމާ ކުރިމަތިލާންޖެހޭނީ އެ ޙަގީގަތާއެވެ.

ވުމާއެކު، ޢަމަލުކުރަން ލިބިފައިމިވާ މަދު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމީ، އެކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުން ނަރަކައިން ތިމާއަށް ސަލާމަތްވުމަށް އެދި ކުރެވޭނެ ކިތަންމެ ކަމެއް ދައްކައިދީފައިވެއެވެ. އޭގެ ތެރެއިން 3 ކަމެއް އަޅުގަނޑާ ތިބާގެ ފައިދާއަށްޓަކައި ހިމަނާލަމެވެ.

1- ޞަދަޤާތްކުރުން

މައިމޫނާ ބިންތި ސަޢުދު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޞަދަޤާތުގެ މާތްކަމާ މަތުވެރިކަން ބަޔާންކޮށް ދެއްވުން އެދި ދެންނެވުމުން އެކަލޭގެފާނު ހަދީސްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.

"މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން އެދިގެން އަދި ﷲ ގެ ވަޖްހުފުޅު އަދައިގެން ޞަދަޤާތް ކުރާ މީހުންނާއި އަލިފާނާ (އެބަހީ؛ ނަރަކައިގެ ޢަޛާބު) ދެމެދުގައި ލެވިގެންވާ ފަރުދާއެކެވެ.

އަދިވެސް ޞަދަޤާތުގެ މާތްކަމާ ގުޅޭ ގޮތުން ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"ކަދުރެއްގެ ފަޅިވަރަކުން ޞަދަޤާތް ކޮށްގެން ވިޔަސް ނަރަކައިގެ އަޒާބުން މިންޖުވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ!" (ބުޚާރީ)

2- ރޯދަ ހިފުން

އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ.

"މާތް ﷲ ގެ މަގުގައި އެ އިލާހަށްޓަކައި ރޯދައެއް ހިފައިފި މީހެއްގެ މޫނު ހަތްދިހަ އަހަރަށް (އޭނާގެ އަމަލުގެ ސަބަބުން) ނަރަކައިގެ އަލިފާނުން ދުރުކުރައްވާނެއެވެ."

3- ނަމާދުކުރުން

ސޫރަތުލް މުއުމިނޫންގެ 9،10 އަދި 11 ވަނަ އާޔަތުގެ މާނާގައިވަނީ: "އަދި އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާމީހުންނެވެ. ވާރުތަވާ ބަޔަކީ އެބައިމީހުންނެވެ. އެބައިމީހުންނަށް ފިރުދައުސް ވާރުތަވެއެވެ. އެތާނގައި އެބައިމީހުން ދެމިތިބޭ ޙާލުގައެވެ."

ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދާއި ގުޅޭ ގޮތުން ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"އެ ނަމާދުތަކަށް ރައްކާތެރިވާ މީހާއަށް ނޫރެއް ކަމުގައްޔާއި، ބުރުހާނަކާއި ނަޖާތެއް ކަމުގައި ޤިޔާމަތް ދުވަހުން އެ ނަމާދު ވާނެތެވެ."

ތިމާގެ ފާފަތައް ޢަފޫކުރުމަކީ، ނަރަކައިން ސަލާމަތްވުމަށް ކޮށެވޭނެ މަގެކެވެ.

ތިމާގެ މަރާއި ކުރިމަތިލާނެ ވަގުތެއް ހަމަ އެކަކަށްވެސް ނޭނގެއެވެ. މަރުވުމުގެ ކުރިން ތަޢުބާވެ ހެޔޮ ޢަމަލުކުރުމަށް ވަޞިއްޔަތް ކުރަމެވެ. ހައްދަވާ ގެންގުޅުއްވާ މަތިވެރި ﷲ، ނަރަކައިގެ ގަދަފަދަ ޢަޒާބުން ތިބާއާ އަޅުގަނޑަށް މިންޖުވެވޭނެ މަގު ދައްކަވައި ސަލާމަތް ކޮށްދެއްވާދޭ. އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355