twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޭޝަނަލް ގްރޭންޑް ޕްރިކްސްއަށް ކުޅުދުއްފުށީގެ 4 އެތްލީޓަކު ކޮލިފައިވެއްޖެ

މުޙައްމަދު އަހުމަދު
Nov 10, 2022

4 ވަނަ ނޭޝަނަލް ގްރޭންޑް ޕްރިކްސްއަށް ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްގެ 4 އެތްލީޓަކު ކޮލިފައިވެ ރަށަށް އިތުރު ކާމިޔާބީއެއް ހޯދައިދިނުމުގެ އަމާޒު ހިފާލައިފި އެވެ.

ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އަންނަ މި 4 އެތްލީޓުން މިމުބާރާތަށް ކޮލިފައިވުމަކީ ރަށާއި ރަށުގެ ކުޅިވަރަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ނޭޝަނަލް ގްރޭންޑް ޕްރިކްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އެތްލެޓިކްސް މުބާރާތެވެ. މިމުބާރާތުގައި ރާއްޖޭގެ އެންމެ މޮޅެތި އެންމެ މަތީ ފަންތީގެ އެތްލީޓުން ވާދަކުރާނެ އެވެ.

މިފަހަރުގެ މުބާރާތަށް ކޮލިފައިވީ އެތްލީޓުންނަކީ އިބްރާހިމް އާދަމް، އަހްނާ ނިޒާރުއާއި ރިފާ މުހައްމަދުގެ އިތުރުން ލޫތް އާދަމް އެވެ. އަހްނާ އަކީ މިވަގުތު ރާއްޖޭގައި ހުރި ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާ އެވެ.

އަހްނާ ވަނީ އެންމެ ފަހުން ގދ. ތިނަދޫގައި ބޭއްވި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެން އެންމެ މޮޅު އެތްލީޓާއި 17 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓު ހޯދާފަ އެވެ. އަދި ވާދަކުރި ހުރިހާ އިވެންޓެއްގެ މީޓް ރެކޯޑް އާކުރިއިރު އަހްނާ ވަނީ 100، އަދި 200 މީޓަރުން ރަން މެޑަލާއި ލޯންގް ޖަމްޕުން ރަން މެޑަލް ހާސިލްކޮށްފަ އެވެ.

ލޫތް އާދަމް ވަނީ އެންމެފަހުން ބޭއްވި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ރަނގަޅު ވަނަތަކެއް ހޯދާފަ އެވެ. އޭނާއަކީ ވެސް ކުޅުދުއްފުށީގައި އަރަމުން އަންނަ ޒުވާން އެތްލީޓެކެވެ. އޭނާ ވަނީ 3000 މީޓަރުން 3 ވަނަ ހޯދާފަ އެވެ. އަދި 1500 މީޓަރުގެ 5 ވަނަ މަގާމުގައި ރޭސް ނިންމާފަ އެވެ.

ދެން ގްރޭންޑް ޕްރިކްސްއަށް ހޮވުނު ރިފާ މުހައްމަދަކީ ވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު އެތްލީޓެކެވެ. ގައުމީ ލެވެލްގެ އަދި ބައިނަލްއަގްވާމީ ލެވެލްގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ރިފާ މުހައްމަދުވެސް ވަނީ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ރަނގަޅު ކާމިޔާބީއެއް ހޯދާފަ އެވެ. 19 އަހަރުން ދަށުގެ ބައިން ވާދަކޮށް ރިފާ ވަނީ 100 އަދި 200 މީޓަރުން ރިހި މެޑަލް ހާސިލްކޮށް 400 މީޓަރުން ރަން މެޑަލް ހާސިލްކޮށްފަ އެވެ.

ގްރޭންޑް ޕްރިކްސްއަށް ހޮވުނު އަނެއް އެތްލީޓަކީ ކުޅުދުއްފުށީގެ އަރަމުން އަންނަ ދިގު ރޭސް ދުވުންތެރިޔާ އިބްރާހިމް އާދަމް އެވެ. އޭނާއަކީ ލޯންގް ޑިސްޓެންޓް ރޭސްތަކުގައި ކުޅުދުއްފުށީގައި ފާހަގަވަމުން އަންނަ ހުނަރުވެރި އެތްލީޓެކެވެ. އޭނާ ވަނީ ތިނަދޫގައި އެންމެފަހުން އޮތް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި 19 އަހަރުން ދަށުގެ ބައިން ވާދަކޮށް 800 މީޓަރު ދުވުމާއި 1500 މީޓަރުގެ އިތުރުން 5000 މީޓަރު ދުވުމުން ރިހި މެޑަލް ހާސިލްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355